ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ބައެއް ސިޔާސީ ހައްޔަރީން މިއަދު މިނިވަން ކޮށްފިއެވެ.
މިނިވަން ކޮށްފައިވާ ހައްޔަރީންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއާއި ވިޔަފާރިވެރިޔާ އަބްދުލް މާޖިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު(ސާބެ) ހިމެނެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެޕާޓީގެ ގައުމީ މަޖިލިސް މެމްބަރު ހަސަން މުހައްމަދު ވެސް ހިމެނެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާ 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، 15 ދުވަސް ހަމަނުވަނީސް 30 ދުވަހަށް އަނެއްކާވެސް ކުއްލި ހާލަތު މަޖިލިސް މެދުވެރިކޮށް ދިގުދެންމެވިއެވެ.
އަދި ދެވަނަ ފަހަރަށް އިތުރު ކުރި ކުއްލި ހާލަތު މާދަމާގެ ނިޔަލަށް ހަމަވާއިރު މިހާރު ކްރިމިނަލް ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދާއި ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދުގެ އިތުރުން ސިޔާދް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
އަދި ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.