Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ފިނޭންސްގެ ކުރީގެ މިނިސްޓަރަކަށް ކޮރަޕްޝަންގެ ދައުވާ

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކުރުމަށްފަހު ހަމައަށް ފޮތްތައް ނުލިބުމުންނާއި، ލިބުނު ފޮތްތަކުގައި ހުރި ކުށްތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާގުޅޭ މައްސަލަ ތަޙްޤީޤްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އިސްނަގައިގެން، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ 150000 ފޮތް ޗާޕްކުރުމަށް، ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށް، އެކުންފުންޏާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި، މަސައްކަތުގެ ޖުމުލަ އަގުގެފަހު %15 ފައިސާ ދެއްކުމަށް އެއްބަސްވެފައިވަނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ހުރިހާ ފޮތެއް ޗާޕްކޮށް ހަވާލުކުރުމުން ކަމަށެވެ.

މިގޮތުގެ މަތިން، މަސައްކަތް ނިމުމުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި، މަސައްކަތް ނިމުނުކަން ޔަޤީންކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި ޗާޕްކުރި ފޮތްތަކުގެ ތެރެއިން 98160 ފޮތް ހަވާލުނުކުރާކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ފޮނުވި ސިޓީއާ ހަވާލާދީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ސޮއިކޮށްފައިވާ އިންޓާރނަލް މެމޯގައި، ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތް ކަމަށާއި، އެ މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއިކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އެއްބަސްވެފައިވާ ކަމަށް ވެސް އޭސީސީ އިން ބުނެއެވެ.

އަދި އެ މެމޯގައި ކޮށްފައިވާ ސޮޔަކީ އޭނާގެ ސޮއިކަން އޭނާގެ ސޮއިގެ އެނާލިސިސް ރިޕޯޓުންވެސް އެނގޭ ކަމަށް އޭސީސީ އިން ބުނެއެވެ.

"ވުމާއިއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީގައި ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކޮށްފައިއޮއްވައި، ހުރިހާ ފޮތެއް ލިބުނުކަމަށް ބަޔާންކޮށް އިންޓާރނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރުމަށް އެންގި އެންގުމަކީ، ނުލިބޭ މުދަލަކަށް ފައިސާ ދޫކުރުމަށް އެންގުންކަން އެނގެން އޮންނާތީއާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި މައްސަލަތަކެއް ދިމާވެ ފޮތްތަށް ބޭނުން ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ދަޢުލަތުގެ އިދާރާތަކަށް އަންގާފައިވަނިކޮށް، އެމަސައްކަތް ކުރި ފަރާތަށް ފައިސާ ދޫކުރުމަށް އެންގުން އެއީ، ވަކި ފަރާތަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް ހިންގާފައިވާ ޢަމަލެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭތީ، މިމައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ދަށުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދަޢުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ"، އޭސީސީ އިން އާންމުކުރި ރިޕޯޓްގައި ވެއެވެ.

އޭގެ އިތުރުން ފޮތްތައް ޗާޕު ކުރި ކުންފުންޏާއި ފިނޭންސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 30,801,000 ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށާއި ނަމަވެސް ޤުރުއާން ތަރުޖަމާގެ 150،000 ކޮޕީ ޗާޕު ކުރަން ހަވާލު ކުރި އިރު ދައުލަތަށް ފޯރުކޮށްދީފައި ވަނީ 18405 ކޮޕީ ކަމަަށް އޭސީސީން ބުންޏެވެ. އަދި އެ ފޮތްތަކުގައި ވެސް ކުށް ހުރުމާއި ޕްރިންޓު ކުރުމުގައި މައްސަލަތައް ހުރުމުން އެއީ ބޭނުން ކުރެވޭ ގޮތަކަށް ހުރި ފޮތްތަކެއް ނުވުމުން ދައުލަތުން އެ ކުންފުންޏަށް ދިން 30,801,000 ރުފިޔާ އަނބުރާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި އޭޖީ އޮފީހަށް އަނގާފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.