Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

"އެސްއޯއީ ގައިދީން ކޯޓަށް ގެންނާނެ ހުއްޖަތެއް ނެތް"

ރައީސް ނަޝީދު - ފޮޓޯ: ގޫގުލް

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ކްރިމިނަލް ކޯޓަށް ހާޒިކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރަމުން ގެންދާނީ އެކަމަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި އެހެނިހެން "އެސްއޯއީ ޤައިދީން" މިއަދު ކްރިމިނަލް ކޯޓަށް ގެނައުމަށް ރައީސް ޔާމީނަށް ވެސް އަދި ސަލާމަތީ ބާރުތަކަށް ވެސް ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.

އަދި އެއީ އިންސާފަށް މަލާމާތްކުރުން ކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމަށް ފުލުހުންނާއި ސިފައިން އިންކާރު ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމު އިއްޔެ ކޯޓަށް ގެނެސް އެތައް ގަޑިއިރެއް ވަންދެން އެތަނުގައި ބޭންދުމުން އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.