ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކޯޓުން ހުކުމްކޮށްފައިވަނީ މިއަދު މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމަށް ފަހުގައެވެ. އިއްޔެވެސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވީ ނަމަވެސް ހަތް ގަޑިއިރު ވެގެން ދިޔައީ ޝަރީއަތް ނުފަށައި، އެކަނި ކޮޓަރިއެއްގައި ގިނިކަންޏާ މައުމޫން ބެހެއްޓޫމަށް ފަހުގައެވެ.
މައުމޫންގެ ޝަރީއަތުގެ އަޑުއެހުމަށް ފަހު ކްރިމިނަލް ކޯޓު ބޭރުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބޭއްވި ބައްދަލުވުމެއްގައި ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ މައުމޫންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ކޯޓުގެ ނިންމުންތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް މައުމޫން ހަމީދު ވިދާޅުވެފައިވާއިރު މިއަދާ ހަމައަށްވެސް ރައީސް މައުމޫން ބަންދުކޮށްފައިހުރީ ގާނޫނާ ޚިލާފު ބަންދެއްގައި ކަން އޭނާ ފާހަގަކުރިއެވެ.