ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށް ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ބަންދުގައި ބަހައްޓަން އަމުރުކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖްލީހުގައި ދައުލަތުގެ ފަރާތުން އެދުމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު މާދަމާގެ ނިޔަލަށް ހަމަވާ އިރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމް ދައުވާ އާއި އެކު ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާ އަކީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އުފުލާފައިވާ ޓަރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ތަހްގީގަށް ހުރަސް އެޅުމުގެ ތުހުމަތުގެ ދައުވާއެވެ.
އުއްތަމަ ފަނޑިޔާރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ އިރު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އަދި މިއަދު މެންދުރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްުޔަރުކޮށްފައިވާ ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް އާއި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.