Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ވަކީލުންނާ ބެހޭ ދޮގު ވާހަކަ ފަތުރާ ނަމަ ފިޔަވަޅު

ޕީޖީ ބިޝާމް - ފޮޓޯ: ރައީސް އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތައް ނުފެތުރުމަށާއި އެކަން ތަކުރާރު ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދީފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާއިން ކޯޓްތަކަށް ހުށަހަޅާ ދަޢުވާތަކާ ގުޅިގެން އެކޯޓްތަކަށް ހާޒިރުވާ ޕްރޮސެކިއުޓަރުންނަކީ ޕީޖީ އޮފީހުން މައްސަލާގައި ކޯޓަށް ހާޒިރުވާނެ ޕްރޮސެކިއުޓަރުން ކަނޑައަޅައި، އެ ޕްރޮސެކިއުޓަރަކާ އެ މައްސަލައެއް ޙަވާލުކުރުމުން، އެމައްސަލައެއްގައި ޕީޖީ އޮފީހުން ކަނޑައަޅާފައިވާ ގޮތާ އެއްގޮތަށް ކޯޓަށް ހާޒިރުވެ ވަކާލާތުކުރާނެ ޕްރޮސެކިއުޓަރުން ކަމަށެވެ. އެއްވެސް މައްސަލައެއްގައި ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުން ކޯޓްތަކަށް ހާޒިރުވެ ދައްކާ ވާހަކަތަކަކީ އެ ޕްރޮސެކިއުޓަރަކު އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެކަމަކު ވަކިވަކި މައްސަލަތަކުގައި ކޯޓުތަކަށް ދާ އެ އޮފީހުގެ ވަކީލުންނާއި އެ އޮފީހުގެ މުވައްޒަފުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތައް އެކި ފަރާތްތަކުން ފަތުރަމުންދާ ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަންކަން ތަކުރާރު ކުރާ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމަނީ ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތަކުގައި ލިބިފައި ހުރި ހެކިތަކަށް ބިނާކޮށް، ކަމާ ގުޅޭ ގާނޫނުތަކަށް ރިއާޔަތްކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން އެގޮތަށް ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.