ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ވެރިޔާ ޤާސިމް އިބުރާހީމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ޤާސިމް ހައްޔަރުކޮށްފައި ވަނީ ރައީސް އަބުދުﷲ ޔާމީނު ސިޔާސީގޮތުން ބަދަލު ހިއްޕެވުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ސިޔާދު ޤާސިމް އެހުންނެވީ ޣައިރު ގާނޫނީ ބަންދެއްގައި ޣައިރު ގާނޫނީ ދައުވާތަކަކަށް ހުށަހެޅިވަޑައިގެން ކަމަށެވެ.
Ibrahim Siyad Gasim continues to be held unlawfully, subject to arbitrary charges, a victim of President Yameen’s political vindictiveness. He must be released immediately.
— Mohamed Nasheed (@MohamedNasheed) March 21, 2018
އަދި ސިޔާދު ހުންނެވީ ރައީސް ޔާމީނުގެ ސިޔާސީ ބަދަލުހިއްޕެވުމުގެ ޝިކާރައަކަށް ވެވަޑައިގެން ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރަމުން ގެންދާތީ އެކަމަށް ވެސް މިއަދު ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި އެހެނިހެން "އެސްއޯއީ ޤައިދީން" މިއަދު ކްރިމިނަލް ކޯޓަށް ގެނައުމަށް ރައީސް ޔާމީނަށް ވެސް އަދި ސަލާމަތީ ބާރުތަކަށް ވެސް ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
އަދި އެއީ އިންސާފަށް މަލާމާތްކުރުން ކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމަށް ފުލުހުންނާއި ސިފައިން އިންކާރު ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމު އިއްޔެ ކޯޓަށް ގެނެސް އެތައް ގަޑިއިރެއް ވަންދެން އެތަނުގައި ބޭންދުމުން އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.