ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް އާއި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފާރިސް އާއި ސިޔާދު ހައްޔަރުކޮށްފައިވާ އިރު ސިޔާދު މައްޗަށް ވަނީ ރިޝަވަތުގެ ތުހުމަތުކޮށްފައިވާ އިރު ފާރިސްގެ މައްޗަށް ވަނީ ރިޝަވަތު ދިނުމުގެ ދައުވާ ފަށާފައެވެ.
ރޭ ޕީޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު ދިރިއުޅެމުން ދިޔަ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ.
އެ ސިޓީގެ އިބާރާތަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮވެ އެވެ.
ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އަހުމަދު މިސްފިރު އަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއަކަށް ކަމަށާއި މައްސަލާގެ ތަހުގީގުން އަހުމަދު މިސްފިރު އަކީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއް ކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމާއި، ހައިޝަތު ހަނާ އަކީ ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބި މީހާކަމަށް ބަޔާނުގައިވެއެވެ. އަދި ލިޔުމުގައި ސޮއިކޮށްފައިވަނީ ސިޔާދު ކަން ފޮރެންސިކް ތަހްގީގަށް އެނގިފައިވާކަމަށެވެ.
މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.
ފާރިސް އާއި ސިޔާދުގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން އިތުރު ކުރިއިރު މިއަދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ޑީޖީއޭގެ ވެރިޔާ ހަސަން ސައިދުވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.