މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެރޭ މުޅި ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފިއެވެ.
ނިމިގެންދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލީ މިއަދު މެންދުރު 12:00 އިން ފަށައިގެންނެވެ.
ކުއްލި ހާލަތު އުވާލާފައިވާކަން އިއުލާންކޮށްފައި ވަނީ ދާދި ދެންމެއަކު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.
ކުއްލި ހާލަތު ނިމުމަކަށް ގެނައިކަން އިއުލާން ކުރައްވަމުން އޭޖީ އަނިލް ވަނީ ގައުމަށް ދިމާވި ހުތޫރަތްތެރި އެ ދަނޑިވަޅުގައި އެއްބާރުލުން ދެއްވީތީ ރައްޔިތުންނަށާއި އެ ދަނޑިވަޅުގައި އެއްބާރުލުން ދީގެން މަސައްކަތް ކޮށްފައިވާތީ ދައުލަތުގެ އިދާރާތަކަށް ޝުކުރު ދަންނަވާފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވާއިރު އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސަރުކާރުންކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް އަލިމަސް ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެންތަނެއްގައި މުޒާހަރާ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ރާއްޖޭގައި ކުއްލި ޙާލަތު އިއުލާންކޮށްފައި ވަނީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައި ވާއިރު، ކުއްލި ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އިއްޔެގެ ނިޔަލަށް ދޫކޮށްލާފައިވާ އިރު، ބާކީ ތިބި ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.
އެގޮތުން ބަންދުގެ މުއްދަތު އިތުރު ކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީދަރު އަބްދުﷲ ރިޔާޒާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި މެމްބަރު އަބްދުﷲ ސިނާން އަދި މެމްބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވައެވެ.