Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ރޮހިންޔާ ފަންޑްގެ ފައިސާ ހަވާލުކޮށްފި

ރޮހިންޔާ މުސްލިމުންތަކެއް

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފިއެވެ.

ޕީއެސްއެމް އާއި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ ފައިސާ ޖަމާކުރުމުގައި ލަސްވީ ކުރިމަތިވި ބައެއް އިދާރީ މައްސަލަތަކާ ހެދިކަމަށާއި އެކަން ހައްލުކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިން އެއްކުރި ފައިސާއިން އެހީ ލިބިގެންދާނެ ގޮތްތަށް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރުމަށް ކަމަށާއި އެ މަސައްކަތް ނިންމާލެވި ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައިވާ ކަމަށެވެ.

ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ވަކި ބަޔަކު ބަދުނާމުވާގޮތަށް ހަޤީޤަތާއި ޚިލާފުވާހަކަތައް ފަތުރާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީއާއި ކަމާއި ގުޅުންހުރި އެއްވެސް ފަރާތެއްގެ ރަސްމީ ބަހެއް ނެތި ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް މީޑިޔާތަކުން ވަކި ބައެއްގެ އަބުރު ގެއްލޭގޮތަށް މަޢުލޫމާތު ފަތުރާފައިވާކަމަށެވެ. އަދި މިކަން ތަޙްޤީގްކޮށް ބަލައިދިނުމަށް ކަމާގުޅުން ހުރި މުޢައްސަސާތަކުގައި އެދިފައިވާނޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން އިސްވެ އޮވެ ހިނގި އެ ފަންޑަށް 18.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.