Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

އަދުރޭ ފްލެޓް ގަތް މައްސަލަ އޭސީސީން ބަލަން ފަށައިފި

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެއްފަހަރާއި 9 މިލިއަން ރުފިޔާ ދެއްކެވުމަށް ފަހު ފްލެޓްތަކެއް ބައްލަވައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝާން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދިން އިންޓަވިއު އެއްގައި ވަނީ އެ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މަނިކު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްގެ ދެކަނބަލުން ފްލެޓް ބައްލަވައިގަތް މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގް ކުރަމުން ގެންދާތީ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އަދުރޭގެ ދެކަނބަލުން 9 މިލިއަން ރުފިޔާއަށް ފްލެޓްތަކެއް ބައްލަވައިގަތްކަން ގިނަ ބަޔަކަށް އެނގުނީ، ފްލެޓްތަކުގެ ރަޖިސްޓްރީ ކަންތައްތައް ނިންމުމަށް އެ ފްލެޓްތަކުގެ ވެރިފަރާތް ކަމުގައިވާ "ޑައިން މޯ ޕްރައިވެޓް ލިމިޓަޑަށް" އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ފޮނުވި ސިޓީތައް ސޯޝަލް މީޑިޔާގައި އާއްމުވުމުންނެވެ.

ސިޓީތައް އާއްމުވި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި އަދުރޭ ވަނީ ފްލެޓު ބައްލަވައިގަތް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އޭރު އަދުރޭ ވިދާޅުވެފައި ވަނީ ފްލެޓްތައް ބައްލަވައިގެންނެވި ވާހަކަ ރިޕޯޓުކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އެއީ ސިއްރުކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ޓިނުތަކެއް ވަގަށް ނަގައިގެން މީގެ ކުރިން ހުކުމެއް ތަންފީޒުކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އަދުރޭ އަކީ މިފަހަކަށް އައިސް ސަރުކާރުގެ ދިފާއުގައި އެންމެ ގަދައަށް މަސައްކަތް ކުރައްވާ އެއް ފަރާތެވެ.