ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ހުރިހާ ކަމެއް ރާވާ ހިންގުމުގެ ޒިންމާ ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) އާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި އެވެ.
މިކަން ސަރުކާރުގެ ފަރާތުން އިއުލާންކުރައްވާފައި ވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި އިބްރާހިމް މުއާޒް ވިދާޅުވީ ނަސްރުގެ ދުވަހަކީ ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދާއި ގައުމަށްޓަކައިވި ގުރުބާނީއާ ވަރަށް ބޮޑަށް ގުޅިފައިވާ ދުވަހަކަށްވާތީވެ، މި އަހަރުން ފެށިގެން ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ އެންމެހާ ކަންކަން އެމްއެންޑީއެފުން ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މީގެ ކުރިން އެދުވަސް ފާހަގަ ކުރުމުގެ ކަންކަން ރާވަނީ ހޯމް މިނިސްޓްރީން ކަމުގައިވާއިރު، ނަސްރުގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ޚާއްސަ ދުވަހެކެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިފާޢުގައި ޝަހީދުވެވަޑައިގަތް 19 ދިވެހިންގެ ޤުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ކަހަލަ ޙަރަކާތްތައް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާއިރު، މިދިޔަ އަހަރު ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ ސައިލެންޓް ޑްރިލްއެއް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބާއްވާފަ އެވެ.