Last Updated: April 30, 09:18
Wednesday, April 30, 2025
ޚަބަރު

"އައްޑޫ ނޭޗާ ޕާކް" ތަ ކިޔާނީ، އަވަހަށް ހިޔާލު ދީ

އިކޯ ޓޫރިޒަމަށް ހާއްސަކޮށްގެން ހިތަދޫ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދުގައި ގާއިމު ކުރާ ތަނަށް "އައްޑޫ ނޭޗާ ޕާކް" ކިޔުމާ ދޭތެރޭ ރައްޔިތުންގެ ހިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ސަރަހައްދަށް "އައްޑޫ ނޭޗަ ޕާކް" މިނަން ކިޔުމާ މެދު ޢާންމުންގެ ޚިޔާލު ހުށަހަޅާނީ މި މަހުގެ 28 ވަނަ ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން planning@adducity.gov.mv އަށް ކަމަށެވެ.

އީދިގަލި ކުޅީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރެވެމުން ދާ އިރު އެތަނަކީ އައްޑޫގެ ފަތުރުވެރި ކަމަށް ވަރަށް މުހިއްމު ތަނަކަށް ވެގެން ދާނެ އެވެ.

ކައުންސިލުން ބުނީ މިހާރު އެ ސަރަހައްދަށް ނިސްބަތްކޮށް އެކި ނަންނަން (ކޯއްޓޭ، އީދިގަލި ކިޅި، އީދިގަލި ހިމާޔަތްކޮށްފައިވާ ސަރަހައްދު) ކިޔަމުން ދާތީ ހިމާޔަތް ކުރެވިފައިވާ މިބާވަތުގެ ތަންތަނަށް ވަކި ނަމެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެ ސަރަހައްދު ރަސްމީކޮށް ހިދުމަތަށް ހުޅުވާލަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގަ އެވެ.

އައްޑޫ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔުނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ބައެކެވެ.