Last Updated: June 27, 21:32
Friday, June 27, 2025
ޚަބަރު

މައުމޫން މަގުފުރެއްދީ ނަޝީދު: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް "މަގުފުރެއްދީ" އެމަނިކުފާނުގެ ކުރީގެ ސިޔާސީ ހަތުރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކުގެ ފާޑުކިޔުންތައް އަނެއްކާވެސް ނަޝީދަށް އަމާޒު ވެއްޖެއެވެ.

ނިހާން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންވެސް އެންމެ ބޮޑު "ލޮޓީ" އެއް ލިބުނީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އެންމެ ގާތް ބޭފުޅުންނަށް ކަމަށެވެ. މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން، މުހައްމަދު ނަދީމްވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

މައުމޫނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންނަށް "ލޮޓީ" ދިނީ ނަޝީދުކަން ސާބިތުކުރުމަށް ނިހާން ދެއްކި ހުއްޖަތަކީ 1953 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ކާފަ އެފަދަ ކަމެއް ކުރަން މަސައްކަތް ކުރެއްވި ކަމަށާއި 1968 އިން 1973 އަކަށް ހިންގި ހުރިހާ ޖަރީމާތަކުގައި އެމަނިކުފާނުގެ ބައްޕާފުޅު ހިމެނޭކަން ވެސް ޝަރިީޔަތަށް ސަބިތުވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި 1980 ވަނަ އަހަރު ރައީސް މައުމޫން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގައި ވެސް އެ އާއިލާގެ މީހަކު މަސައްކަތް ކުރެއްވި ކަމަށާއި 1988 ނުވެމްބަރު މަހުގެ ތިން ވަނަ ދުވަހުގައި ވެސް އެ އާއިލާއިން ބޭރު ބަޔަކަށް ހަރަދު ކުރި ކަމަށް ޝަރީޔަތަށް ސާބިތުވެފައިވާކަން ފާހަގަ ކުރައްވައި ނިހާން ވަނީ ވަރަށް ބޮޑަށް ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ފާޑުވިދާޅުވެފައެވެ.

ނިހާން އިތުރަށް ވިދާޅުވެފައިވަނީ މައުމޫން ގޮޅިއަށް ލުމަކީ ނަޝީދާއި، އެމަނިކުފާނުގެ ގާތް ބޭފުޅުން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެކަން ކާމިޔާބުކޮށްފައިވާ ކަމަށެވެ. ނަމަވެސް މައުމޫން ޖަލަށް ލެއްވީ އެމަނިކުފާނުގެ އަމިއްލަ ކޮއްކޯފުޅުގެ ވެރިކަމުގައި ކަން ފާހަގަކޮށްލެވެއެވެ. އަދި ކޮއްކޯފުޅު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ޚުދު ރައީސް މައުމޫންކަން ވެސް މިހާރު އިދިކޮޅުގައި ތިބި ގިނަ ބޭފުޅުން އަންނަނީ ފާހަގަކޮށް، ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުންނެވެ.

ރައީސް މައުމޫން، ކޮއްކޯފުޅުގެ އޮޑި ދޫކުރައްވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން، ތަކުރާރުކޮށް އެކަން ރައީސްއާ ހިއްސާ ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށްފަހު، އެކަން ނާކާމިޔާބު ވެވަޑައިގަތުމުން ކަމަށް އެމަނިކުފާނު ވަނީ ކުރިން ވިދާޅުވެފައެވެ.

އަދި ކުރީގެ ރައީސް ނަޝީދާ އެއްކޮޅަށް މައުމޫން ޖެހިވަޑައިގަތުމުން ރައީސް ޔާމީން ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ލީޑަރުން ނަޝީދު މިނިވަން ކުރުމަށް އެދިވަޑައިގަތުމުން އެކަން ކުރައްވަފާނެ ކަމަށް އިޝާރާތް ކުރެއްވުމުން، މައުމޫން ވަނީ ސީދާ ރައީސް ޔާމީނަށް ދެން، އެމަނިކުފާނު ކުރައްވާނޭ އެއްވެސް "އާދޭހެއް" ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، މައުމޫން ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެމަނިކުފާނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްގެން، ފުލުހުން ވަނީ އެމަނިކުފާނާ ދެކޮޅަށް ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި ރިޝްވަތު ހުށައެޅި ކަމުގެ ތުހުމަތުކޮށްފައެވެ. ނަމަވެސް ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާކަން ފާހަގަކޮށްލެވެއެވެ. މައުމޫން ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.