މެންޗެސްޓާ ޔުނައިޓެޑާއި މިދިޔަ ސީޒަނުގައި ގުޅުނު ސްވިޑެންގެ އިތުބާރުހުރި ފޯވާޑް ކުލަބު ދޫކޮށް، އެމެރިކާގެ މޭޖާ ސޮކާ ލީގާ ގުޅުމަށް އެއްބަސްވެއްޖެއެވެ.
ޔުނައިޓެޑުން ވަނީ އިބްރާ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އިއުލާންކޮށްފައެވެ. އަދި އިބްރަހިމޮވިޗްވެސް ވަނީ އޭނާގެ ސޯޝަލް މީޑިޔާ ޕޭޖުތައް މެދުވެރިކޮށް ޔުނައިޓެޑު ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފައެެވެ. އަދި އޭނާ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތައް އަބަދުވެސް ހަނދާން ކުރާނެ ކަމަށާއި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށް އިބްރާ ބުނެފައިވެއެވެ.
އިބްރާގެ ސީޒަން ނިމުމަކަށް އައީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ކުޅުނު މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަމަވެސް މިސީޒަނުގެ މެދުތެރެއިން އިބްރާ ވަނީ އަނބުރާ ކުޅުމަށް އައިސް ގިނަ ބަޔަކު ހައިރާން ކޮށްލާފައެވެ.
ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ބޮޑުކަމުން، ކުޅުން ގަވާއިދުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އިބްރާ ވަނީ ޔުނައިޓެޑަށް ކުޅެދިން 53 މެޗުން 28 ގޯލު ޖަހާފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން، ޔުނައިޓެޑު ސަޕޯޓަރުންގެ ލޯބި ހޯދާފައެވެ.