ބަންދުކުރިޔަސް ރައީސް މައުމޫންގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށާއި އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީ އިސްލާހުގެ މަސައްކަތުގައި ކަމަށް މައުމޫންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ، ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަސްރީނާ ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކުރުމަކީ މައުމޫންގެ އާއިލާގެ އިތުރުން ދިވެހި އެތައް އާއިލާއަކަށްވެސް އޭގެ ހިތާމަ ކުރާނެ ކަމެއް ކަމަށާއި އަދި މައުމޫންވެސް ހުންނެވީ ދެރަ ވެފައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށް ނަސްރީނާ ވިދާޅުވިއެވެ.
މައުމޫންގެ އަރިހުގައި ސާބިތުކަންމަތީ އަބަދުވެސް ދެމިހުންނެވި ނަސްރީނާ މީގެ ކުރިން ދުވަހަކުވެސް ސިޔާސީ ކަންކަމުގައި މިފަދަ ޕޯޑިއަމްތަކަށް އަރާވަޑައިގެންފައެއް ނުވެއެވެ. މައުމޫންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް ކޯޓަށް ގެނައި ދުވަހުވެސް ނަސްރީނާ ވަނީ މީޑިޔާއަށް އިންޓަވިއުއެއް ދެއްވާފައެވެ.
އެދުވަހުގެ އިންޓަވިއުގައި ނަސްރީނާ ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ނަސްރު ލިބޭނެ ކަމަށާއި އަބަދުވެސް ނަސްރު ލިބޭނީ ހައްގަށް ކަމަށެވެ. އަދި ވަރަށް އަވަހަށް މިކަން ނިމިގެންދާނެ ކަމަށް ނަސްރީނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހުގައެވެ. އަދި މައުމޫންގެ މައްޗަށް އޭރު ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކުރި ނަމަވެސް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށަށެވެ.