Last Updated: June 10, 20:48
Thursday, June 11, 2026
ސިޔާސީ

ނަޝީދު ކޯޕަންހޭގަން އަށް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަން އަށް ކުރައްވާ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފި އެވެ.

ނަޝީދުގެ މި ދަތުރުފުޅަކީ ޔުނިވަސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައެންސް ސެންޓަ އިން އިންތިޒާމްކޮށްގެން، "ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރާނީ ކިހިނެތް؟" މި މަޢުޟޫގެ މައްޗަށް ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުގައި ވެސް ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޯޕަންހޭގަން އަށް ފުރާވަޑައިގަތުމުގެ ކުރިން، ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ފުރާވަޑައި ގަތުމަށް ހުރަސް އެޅުން ފަދަ ކަންކަމަކީ ވަރަށް ދެރަކޮށް ހިނގާ ކަންކަންކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޑެންމާކަށް އެ މަނިކުފާނު ކުރައްވާ ދަތުރުރުފުޅަކީ "ދުމާނުލާ އިޤްތިސާދު" ހިންގާނެ ގޮތާ ގުޅޭ ގޮތުން ކޯޕަންހޭގަން ޔުނިވަސިޓީގައި ތަޤްރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އަދި މި ދަތުރުފުޅުގައި ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ ތަޤްރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ދިވެހި ރާއްޖެ ޑިމޮކްރަސީގެ މަގުން ކައްސާލާފައިވާ މައްސަލަ އަށް ކަމަށާއި އަދި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރަން ޖެހިފައިވާ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.