Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

ރޮނާލްޑޯގެ އިތުރު ވަގުތުގެ ގޯލްތަކުން ޕޯޗުގަލް އަށް މޮޅެއް

ރޮނާލްޑޯ އިތުރު ވަގުތުގައި ގޯލު ޖަހަނީ: ފޮޓޯ - ގެޓީ

މިހާރު ކުރިއަށްދާ ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުތަކުން، ރޭ ޕޯޗުގަލް އަދި މިސްރު ބައްދަލުކުރި މެޗު 1-2 އިން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. ޕޯޗުގަލް މެޗު ކާމިޔާބުކޮށްފައިވަނީ މިސްރުން ލަނޑެއް ޖަހާފައިވަނިކޮށް، މެޗުގެ އެންމެ ފަހު މިނެޓުތަކުގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ.

މިސްރުން ރޭގެ މެޗުގައި ލަނޑު ޖަހާފައިވަނީ 56 ވަނަ މިނެޓުގައެވެ. މުހައްމަދު ސަލާހް މިސްރަށް ލީޑު ނަގާދީފައި ވަނިކޮށް ރޮނާލްޑޯ ޕޯޗުގަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދިން ހަތަރު މިނެޓު ތެރޭގައެވެ. އަދި އޭނާ ލީޑު ނެގީވެސް ހަމަ މިވަގުތުކޮޅު ތެރޭގައެވެ.

ޕޯޗުގަލްގެ އިތުރުން ރޭ ކުޅުނު އިތުރު ބައެއް މެޗުތަކަށް ބަލާއިރު އިނގިރޭސިން ނެދަލޭންޑްސް ބައްދަލުކުރީ 0-1 އިންނެވެ. އިނގިރޭސިންގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖެސީ ލިންގާޑްއެވެ.

ސްޕޭނާއި ޖަރުމަނުގެ ކުރިމަތިލުން 1-1 ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ރޮޑްރިގޯ ސްޕޭނަށް ލީޑު ނަގާދީފައި ވަނިކޮށް ޖަރުމަނުން އެއްވަރުކުރީ 35 ވަނަ މިނެޓުގައި މުލާގެ ގޯލަކުންނެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ.

ފަރަންސޭސި ވިލާތާއި ކޮލޮމްބިއާ ބައްދަލުކުރި މެޗު ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ކާމިޔާބުކުރީ ކޮލޮމްބިއާއެވެ. މިމެޗު ކޮލޮމްބިއާ ކާމިޔާބުކުރީ ފްރާންސުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. ޖިރޫ އަދި ތޯމަސް ލެމާ މެޗުގެ ވަރަށް ކުރީކޮޅު ފްރާންސަށް ލީޑު ނަގާދީފައިވާއިރު ލުއިސް މިއުރިއެލް ވަނީ ފުރަތަމަ ހާފު ނުނިމެނީސް ކޮލޮމްބިއާއަށް ލަނޑެއް ޖަހާ ދީފައެވެ.

ފަހު ހާފުގައި ފަލްކާއޯ އަދި ހުއާން ކުއިންޓެރޯ ކާމިޔާބުކުރި ދެ ގޯލުން ކޮލޮމްބިއާ ވަނީ ފުރަތަމަ ފަހަރަށް ފްރާންސުގެ މައްޗަށް ކުރި ހޯދާފައެވެ.