Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ދިރާގުން "ގެލެކްސީ އެސް 9" ލޯންކޮށްފި

އެސް 9 ފުރަތަމަ ފަހަރަށް ދިރާގުން ބައްލަވައިގެންނެވި ފަރާތަށް ފޯނު ހަވާލުކުރަނީ-ފޮޓޯ: ދިރާގު

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 9 އަދި އެސް 9+ ދިރާގުން ރޭ ލޯންޗުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިފޯނުތައް ލޯންޗުކޮށްދެއްވީ އެކުންފުނީގެ ޗީފް ފައިނެންޝަލް އޮފިސަރ، ރޮބިން ވޯލްއާއެކު ސެމްސަންގ ގެ އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، ހަންބޭ ޕާކްއެވެ.

މިފޯނު ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށްފައި މިވަނީ ދިރާގުންނެވެ. ދިރާގުން ބުނެފައިވަނީ އެފަދަ ޝަރަފެއް ލިބުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ވަގުތުން ފައިސާ ދިނުމަށްފަހު މިހާރު ފޯނު ގަންނަން ލިބޭ އިންތިޒާމު ދިރާގުން ހަމަޖައްސާފައިވާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަނީ އިންސްޓޯލްމެންޓް ޕެކޭޖުތައްވެސް ތައާރަފްކޮށްފައެވެ. އެގޮތުން އެސް 9 އަދި އެސް 9+، ދެފޯނަށްވެސް ފުރަތަމަ ދައްކާ ޑައުން ޕޭމެންޓުގެ ގޮތުގައި 2،999ރ. ދައްކަން ޖެހޭނެއެވެ.

ޑައުން ޕޭމެންޓު ދެއްކުމަށްފަހު އެސް9 64 ޖީބީގެ ފޯނު ބައްލަވާ ފަރާތްތަކުން ކޮންމެ މަހަކު ދައްކަން ޖެހޭނީ 899ރ. އެވެ. އަދި މިމޮޑެލްގެ 128 ޖީބީގެ ފޯނު ބައްލަވާ ފަރާތްތަކުން ދައްކަން ޖެހޭނީ މަހަކު 949ރ. އެވެ.

ނަމަވެސް އެސް 9+ ބައްލަވައިގަންނަ ފަރާތްތަކުގެ ތެރެއިން 64 ޖީބީގެ ފޯނަށް މަހަކު ދައްކަން ޖެހޭ އަދަދަކީ 1،049ރ. އެވެ. އަދި މިމޮޑެލްގެ 128 ޖީބީގެ ފޯނަށް މަހަކު 1،149ރ. ދައްކަން ޖެހޭނެއެވެ.

ދިރާގުން ވަނީ ފޯނު ބައްލަވައިގަންނަ ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ފަސް ޖީބީގެ ޑޭޓާ އެލެވެންސް ލިބޭނެ އިންތިޒާމެއްވެސް ހަމަޖައްސާފައެވެ.