Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހިތްވަރަކީ ހައްގުގައި މަސައްކަތް ކުރާ މީހުން: ޝިފާޒް

ޝިފާޒް ހައްޔަރުކޮށްގެން ގެންދަނީ: ފޮޓޯ - ޓްވިޓާ

ޖަލުގައި ބަންދުކޮށްފައި އޮތް ދުވަސްތަކުގައި ހިތްވަރު ލިބުނީ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަމަށް އެމްޑީޕީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން ޝިފާޒް ހައްޔަރުކުރުމަށް ފަހު ވަނީ ކުއްލި ހާލަތު ނިމެން އެއް ދުވަހަށް ވަންދެން ބަންދުކޮށްފައެވެ.

އަދި އެ ދުވަސްތަކުގައި އޭނާގެ ހައްގުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހަނދާނަށް އައުމުން މާޔޫސްކަން ފިލައި، ހިތްވަރު ލިބުނު ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ކިތަންމެ ދުވަހެއް ވަންދެން ބަންދުކުރިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ޝިފާޒް އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ޖަލުގައި ބަންދުކުރިޔަސް، އެއިން ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅުންގެ ހައްގުގައި މަސައްކަތް ކުރައްވާ މީހުންގެ ފަރާތުން ހިތްވަރު ލިބިގެންދާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ "އައުވާނުން" ޖަލަށް ލުމުން އެބޭފުޅުންނަށް ކުރިމަތި ވާނީ ހިތާމަވެރިކަން ކަމަށާއި ސަބަބަކީ އެބޭފުޅުންގެ ހައްގުގައި މަސައްކަތް ކުރާނެ ބަޔަކު އެދުވަސް އައުމުން ނުތިބޭނެތީ ކަމަށެވެ.