Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރާޅާ އަޅަނިކޮށް ޒުވާނަކު ގެނބިގެން މަރުވެއްޖެ

މާލެ އަތޮޅު ތަނބުރުދޫގައި މިއަދު ރާޅާ އަޅަން ދިޔަ ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.

ރާޅާ އަޅުމަށް ސަރުކާރުން ހަމަޖައްސާފައި އޮންނަ ތަނބުރުދޫގައި ރާޅާ އަޅަން އުޅެނިކޮށް ގެނބުނު ޒުވާނާ މަރުވެފައިވަނީ ހާލު ދެރަވެގެން މާލޭ ގެނެސް ފަރުވާދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ އަބްދުﷲ ނާއިލް އެވެ. އޭނާއަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިސްމާއީލް ނާއީލްގެ ކޮއްކޮ އެވެ.

ރާޅާ އަޅަން ދިއުމަށް ފަހު މިއަދު ހަވީރު 4:00 ގައި އޭނާ ނުފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާއިރު ނާއިލް ފެނިފައިވަނީ ގާތްގަނޑަކަށް އޭގެ ގަޑިއިރެއްހާ ފަހުން އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުންނެވެ.

ހާލު ދެރަވެގެން މާލެ ގެނެސް ނާއިލް އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނާއިލް މަރުވެފައިވަނީ އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އިސް އޮފިސަރުންވެސް އޭނާއަށް ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައިވަނިކޮށް، އިރު އޮއްސުނު ފަހުންނެވެ.