Last Updated: June 12, 11:16
Friday, June 12, 2026
ދުނިޔެ

އެމެރިކާގައި ބަޑި ކޮންޓްރޯލް ކުރަން މުޒާހަރާ ކުރަނީ

ބަޑި ކޮންޓްރޯލް ކުރުމަށް ގޮވާލައި ވޮޝިންޓަންގައި މުޒާހަރާ ކުރަނީ: ފޮޓޯ - ނިއު ޔޯކް ޓައިމްސް

އެމެރިކާގެ އެކި ސްޓޭޓްތަކުގައި އެތައް ހާސް ކިޔަވާ ކުދިންނާއި އާންމުން ނިކުމެ ބަޑި އާއި ރައިފަލް ހަތިޔާރުތައް ކޮންޓްރޯލް ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާތަކުގެ ކުރީ ސަފުގައި އަދި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަން އަރާ ތިބީ ކިޔަވާ ކުދިންނެވެ. އެކުދިންގެ އާދޭހަކީ ސުކޫލަށް ކިޔަވަން ދިއުމުން ބަޑި ޖަހާ މެރުމުން ސަލާމަތް ކޮށްދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ދިނުމަށެވެ. އަދި ފިހާރައަކަށް އެއްޗެހި ގަންނަން ދިއުމުން ބަޑި ޖަހާ މެރުމުންނާއި ފައްޅިއާއި މިސްކިތްތަކަށް ގޮސްފައި ތިއްބާ ބަޑި ޖަހާ މެރުމުން ސަލާމަތް ކޮށްދިނުމެވެ.

ބަޑި ކޮންޓްރޯލް ކުރުމަށް ގޮވާލައި ވާހަކަ ދެއްކި މެޖޯރިޓީ ސްޓޯންމޭން ޑަގްލަސް ހައިސްކޫލްގެ ދަރިވަރަކު ބުނެފައިވަނީ މަތީ ސަރުކާރުން އެކުދިންގެ ގޮވާލުންތަކަށް އިޖާބަ ނުދީ އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް އޭނާ ބުނެފައިވެއެވެ. ޑަގްލަސް ހައިސްކޫލަކީ މިދިޔަ މަހު ކުއްޖަކު ހަތިޔާރާއެކު ވަދެ 17 މީހަކު މަރާލި ސްކޫލެވެ.

"މާޗް ފޯ އަވާ ލައިވްސް" ގެ ނަމުގައި މަގުތަކަށް ނުކުމެ އަޑު އުފުލަން ފެށި މި އެއްވުމަށް އެމެރިކާ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ވޮޝިންޓަންގައި ކުރިއަށް ދިޔަ ހަރަކާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އަދި އަރިއާނާ ގްރާންޑޭ ވެސް ވަނީ ބައިވެރިވެ ކުދިންނާ އެއްކޮޅަށް އަޑު އުފުލައި، ލަވަ ހުށައަޅާ ދީފައެވެ.

ބަޑި ކޮންޓްރޯލް ކުރުމަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ އެމެރިކާގައި އިހުތިޖާޖު ކުރަމުން އަންނައިރު މަދު ބަޔަކު ވަނީ ބަޑި ހަތިޔާރު ކޮންޓްރޯލް ކުރަން ނުޖެހޭ ކަމަށް ބުނެ އަޑުއުފުލާފައެވެ. އަދި ސޯޝަލް މީޑިޔާގައިވެސް ހަތިޔާރު ހިފެއްޓުމާ ދެކޮޅަށް ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.