ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިތުރު 1،620 ފްލެޓް އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަލަށް އަޅާ ފްލެޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ މިފްލެޓް ތަކަކީ އެޗްޑީސީ އިން ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅާ 1،530 ފްލެޓާއި އެމްޓީސީސީގެ ރިއަލް އެސްޓޭޓް ކުންފުންޏާއި ބޭރު ފަރާތަކާއި ގުޅިގެން ސަރުކާރުން އެޅުމަށް ހަމަޖައްސާފައިވާ 90 ފްލެޓު ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ މިފްލެޓުތަކަކީ އަގު ބޮޑު ފްލެޓުތަކަށް ވާތީ މަހުން މަހަށް ކުލި ދައްކައިގެން ދޫކުރުމުގެ ބަދަލުގައި މިފްލެޓުތައް ދޫކުރާނީ ރިއަލް އެސްޓޭޓް އުސޫލުން ކަމަށެވެ. އަދި އޭގެ ތެރެއިން 200 ފްލެޓު ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކޮށްފައިވާއިރު އިތުރު 200 ފްލެޓު ޓީޗަރުންނަށް ޚާއްސަކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އަދި މިފްލެޓުތަކަކީ ބޭންކުން މޯގޭޖްކޮށްގެން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިއަހަރު އިތުރު ފްލެޓުތައް އެޅުމަށް ނިންމާފައިވާ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.