ހޯމް މިނިސްޓްރީން އަލަށް ކަނޑައެޅި ޝަރުތުތަކަށް ފެތޭ އެޑިޓަރުން ނޫސްތަކަށް ހަމަޖެއްސުމަށް 18 މަސް ދުވަސް އިތުރުކޮށްދީފިއެވެ.
ހޯމް މިނިސްޓްރީން އިޞްލާޙް ކޮށްފައި ވަނީ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އެވެ.
އެ ޤަވާއިދު ބަދަލުކޮށް ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ތާރީޚުގައި ގެޒެޓްކުރީ ފެބުރުއަރީ 15 އިގަ އެވެ.
އެޤަވާއިދަށް ގެނައި އިސްލާޙްގެ ދަށުން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ މަޤާމަށް އައްޔަން ކުރެވޭ ފަރާތަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހޭނެ އެވެ.
ނޫސް މަޖައްލާ އެޑިޓަރުންގެ ތެރެއިން އާ ގަވާއިދަށް އެޑިޓަރުން ހަމަޖައްސަން 18 މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެންމެ ފުރަތަމަ ހޯމް މިނިސްޓްރީން އެޑިޓަރުން ބަދަލުކުރުމަށް ދިނީ އެއް މަސް ދުވަހެވެ. ނަމަވެސް އާ ޝަރުތު ހަމަވާ އެޑިޓަރުން ނެތުމުގެ ސަބަބުން ނޫސްތަކަށް ވަނީ އާ ޤަވާއިދުގެ ސަބަބުން ދަތިތައް ކުރިމަތިވެފަ އެވެ.
ޤަވާއިދު އިސްލާހު ކުރުމުން، އެޑިޓަރުންނާ ގުޅޭ މާއްދާއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާޙް ކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބައެއް ނޫސްތަކުން ވަނީ އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާ ވާހަކަ ދައްކާފައެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޝަރުތަށް ނުފެތޭ ވަރަށް ގިނަ އެޑިޓަރުން އެބަ ތިބި ކަމަށާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މިހާރު އެޑިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބޭފުޅުންގެ އެދުމުގެ މަތިން އެ ބޭފުޅުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެޒެޓްގައި ޝާއިޢުކުރުމާއި ހަމައަށް އެޑިޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ މާއްދާއަށް އަމަލުކުރުން 18 މަސްދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ.
މިހާރު ތިބި އެޑިޓަރުންނަށް ހާއްސަކޮށްގެން ޑިގްރީ ފެންވަރުގެ ކޯހެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި ދާއިރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ކޯސް އެކުލަވާލެވުނުހާ އަވަހަކަށް އެކަމަށް އެދޭ އެޑިޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.