Last Updated: April 30, 09:18
Wednesday, April 30, 2025
ޚަބަރު

"މި އަހަރު 65 ޕަސެންޓަށް ސާފު ބޯފެން ލިބޭނެ"

މިއަދު އެންވަޔަރެމްންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ - ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 65 އިންސައްތަ އަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ފެނުގެ ދުވަހާ ގުޅިގެން މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރައްކާތެރި ބޯފެން ޤާއިމްކޮށްފައިވަނީ މާލެ ހިމަނައިގެން އެންމެ ހަ ރަށުގައި ކަމަށާއި، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ އަދަދު ވަރަށް ބޮޑަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ 21 ރަށެއްގައި ރައްކާތެރި ބޯފެނުގެ ނިޒާމް ޤާއިމްކޮށްދީ ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.

ތޯރިގް ވިދާޅުވީ ސާފު ބޯފެން ފޯރުކޮށްދެވިފައި ވަނީ މިހާތަނަށް ރާއްޖޭގެ އާބާދީގެ 44% އަށް ކަމަށާއި، މިވަގުތު ވެސް 25 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 65% އަށް ސާފު ބޯފެން ފޯރުކޮށްދެވޭނެ ކަމަށާއި، އެއަށްވުރެ ވެސް ބޮޑަށް އެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.

މީގެ އިތުރުން ތޯރިގް ވިދާޅުވީ އިރުވައި މޫސުމުގައި ބައެއް ރަށްރަށް ފެނަށް ޖެހޭ މައްސަލަ އަށް ވެސް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ރަށްތަކުގައި ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމް ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި 70 އަށް ވުރެ ގިނަ ރަށުން ފެން ހުސްވެގެން ފެން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މިހާރު ކުރަމުން އަންނަ މަސައްކަތުން އެ އަދަދު މަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 29 ރަށެއްގައި، ރައްކާތެރި ގޮތުގައި ވާރޭފެން ބަހައްޓާނެ ނިޒާމްތައް ގާއިމް ކޮށްފައިވާނެ ކަމަށްވެސް ތޯރިގް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމްގެ ކަންކަން ހަރުދަނާކުރަން އެކަމަށް ޚާއްސަ ޤާނޫނެއް ހެދުމަަށް، ބިލެއް ޑްރާފްޓްކޮށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ އާއްމު ހިދުމަތުގެ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް އެކަމަށް ވަކި ޚާއްސަ ޤާނޫނެއް ހެދުމުން، ރަނގަޅަށް ބެލެހެއްޓި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.