ގޮނޑުދޮށްތަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ވެލި ނަގާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން އެގޮތަށް ކުރާ ފަރާތްތަކަށް ފިޔަވަޅުއަޅައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދާ ކަމަށެވެ. އަދި ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ވަރަށް ޚަރަދު ބޮޑު އަދި އެހާމެ އުނދަގޫ ކަމެއް ކަމަށްވެސް އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ގަލައި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އީޕީއޭ ގެ ހުއްދަ ލިބިފައިވާ ތަންތަނުންކަން ފާހަގަކުރަމުން އީޕީއޭ އިން ބުނީ ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި އެޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން އީޕީއޭ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިގޮތަށް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ޚާއްސަ ކުރެވިފައިވާ ވަކި ސަރަޙައްދުތަކާއި ވަކި އުސޫލުތަކެއް ކަނަޑައަޅައި ކައުންސިލްތަކާއި ޙިއްސާކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.
އަދި ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި އީޕީއޭގެ ފަރާތުން ކަނޑައަޅާފައިވާ ސަރަޙައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށްވެސް އީޕީއޭގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި، އެ ޤަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ.