މިއަހަރުގެ ހައްޖު އަޅުކަމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބައްލަވާލެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި މިނިސްޓަރު ޒިޔާދުގެ އެރަސްމީ ދަތުރުފުޅުގައި ހައްޖުގެ އަޅުކަން ކުރުމަށް ސައުދީގައި އުޅޭއިރު ދިވެހިންނަށް ލުއި ފަސޭހަ އިންތިޒާމްތައް ހަމަޖެއްސޭނެ ގޮތްތަކާއި ބެހޭގޮތުން އެޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މިނިސްޓަރުގެ މިދަތުރުގައި އިސްލާމިކް ޑިވެލޮޕްމަންޓްގެ ރައީސް ޑރ. ބަންދަރު އެމް.އެޗް. ހައްޖާރު އާ ވެސް ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
އެދަތުރުގައި އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިންގަންނަވާއިރު، ދަތުރުގެ އެޖެންޑާގައި ހިމެނޭ ރަސްމީ ވާހަކަތައްް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. މީގެއިތުރުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިވަގުތު ސައުދީގައި ހުންނެވުމާއި އެކު ބައެއް މަޝްވަރާތަކުގައި ޝައިހް ރަޝީދުވެސް ބައިވެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
ދަތުރު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ.