ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ކުރިޔަށްގެންދާ ތަފާތު ޙަރަކާތްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށް 2017 ވަނަ އަހަރު ޤައުމީ ފެންވަރުގައި އިފްތިޠާހު ކުރެވިފައިވާ ފެންފަހި ކެމްޕޭންގެ ދަށުން ތިން ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
އެގޮތުން މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހު ކުރި ތިން ޕްރޮގްރާމަކީ "ފެންފަހި ނިއުސްލެޓަރ"، "ކޮމިއުނިކޭޝަން ޕްލޭން" ، "އިންސްޓާގްރާމް ފޮޓޯ ކޮމްޕެޓިޝަން" އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ މިއަދު ނެރުނު "ފެންފަހި ނިއުސްލެޓަރ"ގެ މަޤްސަދަކީ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކާއި ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު އާމުންނާއި ކަމާބެހޭ ބޭފުޅުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މީގެތެރެއިން އެކި ރަށްރަށުގައި ހިންގޭ ބޯފެނުގެ މަޝްރޫޢު، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އަދި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި މި ނިއުސްލެޓަރ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ ތިން މަހަކުން އެއްމަހު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
ދެވަނައަށް ލޯންޗްކުރެވުނު "ފެންފަހި ކޮމިއުނިކޭޝަން ޕްލޭން" އަކީ ފެންފަހި ކެމްޕެއިންގެ ދަށުން ހިންގޭ އެކިއެކި ޙަރަކާތްތަށް ރާވައި ކުރިއަށް ގެންދާނެގޮތުގެ ތަފްސީލުތަށް އެކުލެވިގެންވާ ލުއި ފޮތެކެވެ. އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި މި ފޮތުގައި ރައްޔިތުންނަށް ދޭންބޭނުންވާ މެސްޖުތަށް ދިނުމާއި ގެންގުޅެންވީ އުސޫލުތަކާއި، ޓާގެޓް އޯޑިއަންސަށް މެސެޖުތައް ދިނުމާއި އަހުލުވެރިކުރުމުގައި ގެންގުޅެންޖެހޭ އުކުޅުތަކާއި އަދި ވޯކްޝްޕް ސެމިނަރ ފަދަ އެއްވުންތައް ރޭވުމާއި ބާއްވާނެ ގޮތުގެ މަޢުލޫމާތުތަށް ހިމެނިފައިވާނެ އެވެ.
އަދި "އިންސްޓާގްރާމް ފޮޓޯ ކޮމްޕެޓިޝަން"ގެ ބޭނުމަކީ ފެނާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މިގޮތުން މި މުބާރާތުގެ މި އަހަރުގެ ތީމަކީ “The Answer is in Nature” އެވެ. މި މުބާރާތުގެ މުއްދަތަކީ މިއަދުން ފެށިގެން 30 ދުވަހެވެ.