ދިވެހި ސިވިލް ސާވިސްގެ މަޤާމުތަކަށް މީހުން ހޮވުމުގައި ޢަމަލު ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުއްސަސާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި، ސިވިލް ސާވިސްގެ އިދާރާތަކުން ސިވިލް ސާވިސްގެ މަޤާމްތަކުގެ މަސައްކަތު ދާއިރާ އާއި ގުޅޭ ތަޢުލީމި ރޮނގުތަކާއި ތަޢުލީމީ ރޮނގާއި ގުޅޭ ސެޓްފިކެޓްތައް ކަނޑައެޅުމުގައި އަލަށް އުސޫލެއް އެކުލަވާލައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލު ކުރުމަށް ވަނީ އަންގާފަ އެވެ.
މިގޮތުން އަލަށް އަމަލުކުރަން ފަށާ އުސޫލުގައިވާ ގޮތުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ފަހުން ސިވިލްސް ސާވިސްގެ މަޤާމުތަކަށް މީހުން ހޯދުމަށް އިއުލާނު ކުރަންޖެހެނީ އެ މަޤާމެއްގެ މަސައްކަތުގެ ދާއިރާ އާއި މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަޢުލީމީ ރޮނގުތައް އާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމަށް ފަހު އެވެ.
އެހެންނަމަވެސް ސަޕޯޓް ސްޓާފުންނާއި ޖީއެސް 3 ގެ މަގާމުތަކަށް ތައުލީމީ ރޮނގު ކަނޑައަޅަން ނުޖެހޭނެ ކަމުގައިވެސް ސީއެސްސީ އިން ބުނެ އެވެ.
އާ އުސޫލުގައި ބުނެފައިވާ ގޮތުން ތަޢުލީމީ ރޮނގާއި ގުޅޭ ސެޓްފިކެޓްތައް ކަނޑައެޅުމުގައި، ސެޓްފިކެޓުގެ ނަމުން ސުވާލު އުފެދޭ ޙާލަތްތަކުގައި، އެސެޓްފިކެޓެއް ޙާސިލްކޮށްފައިވާ ކޯހުގެ މޮޑިއުލްތަކަށް ބަލައިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި، މިގޮތުން އެކޯހެއްގެ މޮޑިއުލްތަކުގެ 30 އިންސައްތަ އަކީ އެމަގާމަކަށް ކަނޑައަޅާފައިވާ ތައުލީމީ ރޮނގާއި ސީދާ ގުޅޭ މޮޑިއުލްތަކަކަށް ވާންޖެހޭނެ ކަމަށެވެ.
ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ސާނަވީ އާއި މަތީ ސާނަވީގެ އިތުރުން ކޯސްތަކުގެ ސެޓްފިކެޓްތަކަށް ބަލާއިރު، އާ އުސޫލުގެ ދަށުން މަޤާމުތަކަށް އެކަށީގެންވާ މީހުން ހޮވުމަށް ކުރެވޭ މަސައްކަތް ހަރުދަނާ ވެގެންދާނެ ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.