Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އަދިވެސް އަމަލު ކުރަނީ އެސްއޯއީ ގޮތަށް: އިންތި

އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި ވާހަކަދައްކަވަނީ - ފޮޓޯ: ވީނިއުސް

ކުއްލި ނުރައްކަލުގެ ޙާލަތު ނިމިފައިވީ ނަމަވެސް ސަރުކާރުން މިހާރު ވެސް ޢަމަލު ކުރަމުންދަނީ ކުއްލި ނުރައްކަލުގައި ކަންކަން ކުރި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ސަރުކާރުން އަދިވެސް ކަންކަން ކުރަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމަށާއި ކުއްލި ޙާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ ބޭފުޅުންނަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ނެރެ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ބޭފުޅުން ތިއްބެވީ އަސާސީ ޙައްޤުތަކުން މަހުރޫމްކޮށް ޒަރޫރީ ބޭނުންތައް ވެސް ނުފުދި ކަމަށާޢި، އެބޭފުޅުންގެ ޙާލަތު ދެނެގަތުމަށް ކުރެވޭ މަަސައްކަތްތަކަށްވެސް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަން ފާހަަގަކުރައްވަމުން އިންތި ވިދާޅުވީ ސަރުކާރުން އެގޮތަށް ޢަމަލުކުރަނީ ޤާނޫނުއަސާސީ އާއި ޖަލުތަކާއި ބެހޭ ޤާނޫނާވެސް ޚިލާފަށް ކަމަށެވެ.

އިންތި ވިދާޅުވީ ކުށެއްގެ ތުހުމަތުކޮށްފައިވާ އެތައް ބަޔަކު ހައްޔަރުކޮށް މާފުށީ ޖަލަށް ބަދަލުކޮށްގެން ސަރުކާރުން ގެންގުޅެނީ ޤާނޫނާ ޚިލާފަށް ކަމަށާއި، ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ވަކީލުންނާ އާއިލާތަކަށްވެސް އެބޭފުޅުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތެއް ނުދެއްވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން "ކުދި ކުދި" ކޮށްލާނެ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހީމް ރަޝީދު އިންޒާރު ދެއްވި މައްސަލަ ފާހަގަކުރައްވަމުން އިންތި ވިދާޅުވީ، ސައުދު ހުސައިންގެ ހަށިފުރާނައަށް ނުރައްކާކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ޖަލްސާއެއްގައި ސަރުކާރުގެ ކޯޑިނޭޓަރަކު ދިނުމަކީ ސައުދަށް މަރުގެ އިންޒާރު ދިނުން ކަމަށާއި، އެކަމުގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބުނެ އޭނާގެ މައްޗަށް ތަހުޤީޤެއް ކުރަމުންދާ ދަނޑިވަޅެއްގައި އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ހިނގައިދާނެ ކަމަށް ބުނެ އޭނާ އާއި އިތުރު ބޭފުޅުންތަކެއްގެ ޕާސްޕޯޓު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފަ އެވެ.

އެކަން ކުށްވެރިކުރައްވަމުން އިންތި ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓަނީވެސް ވެރިފާރަތަށް ނޭނގި ކަމަށާއި، ނަމަވެސް ޕާސްޕޯޓް ހިފަހައްޓާ ސަބަބު އެންގުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށެވެ.

ސިޔާސީ ފަރާތްތައް ދެކެ ބިރުން ސަރުކާރުން ހިންގަމުންދާ އެފަދަ ކަންކަން ކުށްވެރިކުރާ ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ހުއްޓުވާލެވޭނެ ކަމަށް ހީކޮށް ސަރުކާރުން ކުރަމުންދާ އެއްވެސް ކަމަކާއި ގުޅިގެން އެ ޙަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

އަދި ޕާޓީތަކުގެ ހަރަކާތްތައް ބާރަށް ކުރިއަށްދާނެ ކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ މި ޤައުމު ދޫކޮށްފައި އެބޭފުޅުން ދާނެ ތަނެއް ކަމަށާއި، ރައީސް ޔާމީން އަޒުލުކޮށް މިސަރުކާރު ހުއްޓުވަން ކުރެވެންހުރި ކަންކަން ގާނޫނީ އިމުގެ ތެރެއިން ކުރުން އެބޭފުޅުންނަށް މާ މުހިއްމު ކަމަށެވެ.