Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ޕީޕީއެމްގެ ޖަގަހަ ހަމަލާ ނަޝީދު ކުށްވެރިކޮށްފި

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މާލޭގައި ޖަލްސާތައް ބޭއްވުމަށް ބޭނުންކުރާ "ރުމާލު-2" ޖަގަހަ އަށް ރޭ ބަޔަކު ދިން ހަމަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކަން ކުށްވެރިކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް ހަރުގެ އަށް ދީފައިވާ ހަމަލާ އެންމެ ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށާއި، ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގަން ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

މާލޭހިޔާ ފްލެޓްތަކުގެ ފުރަގަހުގައި އޮންނަ ހުސްބިމުގައި ހަދާފައި ހުންނަ ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ރޯކޮށްލާފައިވަނީ ސްޓޭޖުގައެވެ. އަދި ސްޓޭޖުގެ އިތުރުން ޕޯޑިއަމްއާއި އެތާ ހުރި މޭޒެއްވެސް ވަނީ އަނދާފައެވެ.

ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް، އިބްރާހިމް ޔޫސުފާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަގަހައަށް ވަދެ މީހަކު ސްޓޭޖު ސަރަހައްދު ރޯކޮށްލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އަދި އޭނާ ސްޓޭޖު ރޯކޮށްލާފައިވަނީ ޕެޓްރޯލް ފުޅިއެއް ހިފައިގެން ގޮސް ޕެޓްރޯލް ޖެހުމަށް ފަހުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

ސައިކަލުގައި ދެ މީހުން އައިސް، އެކަކު ޖަގަހައިގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑަށް ބިރުދައްކައި ޖަގަހަ ތެރެއަށް ވަދެގަނެ، އެތާ ހުރި އޮފީހުގައި ހުޅު ޖަހަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެތާ ގޭޓެއް ހުރުމުން އޭނާއަށް އެކަން ނާކާމިޔާބުވީ ކަމަށް ޔޫސުފް އިތުރުކޮށްފައިވެއެވެ.

ޖަގަހައިގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑު މީހާ ކިޔައިދިން ގޮތުގައި މިހާދިސާ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އަދި ސްޓޭޖުގައި ރޯވި އަލިފާންގަނޑު ނިއްވީވެސް ގާޑުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީޕީއެމުން ބުނެފައިވަނީ އެތަނަކީ ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ހުންނަ ތަނެއް ކަމަށާއި ރޯކޮށްލި މީހާގެ މަންޒަރު ކެމެރާއަށް އަރާނެ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށައަޅާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.