ފުލުހުންގެ ހައްޔަރުގައި މިވަގުތު ހުންނެވި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ގޮވާލައްވާފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
Many in President Yameen’s Government believe there is no truth to the allegation that MP @ibusolih is a threat to peace in this society. There is no rationale to hold him. He must be released immediately. pic.twitter.com/q6w892maLW
— Mohamed Nasheed (@MohamedNasheed) March 25, 2018
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އިބޫ އަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތްކަން ޤަބޫލުކުރާ އެތައް ބަޔަކު އެބަތިބި ކަމަށެވެ.
އަދި އިބޫ ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އިބޫ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެރޭ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އިބޫ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައެވެ.
އިބޫގެ ބަންދަށް ނުވަ ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މުޖުތަމައުއަށް ނުރައްކާކޮށް ހެކި ނައްތާލަފާނެތީ ކަމަށް ބުނެއެވެ. އިބޫގެ ފަރާތުން މިހާރު ވަނީ މި މައްސަލަ އިސްތިއުނާފް ކޮށްފައެވެ.
އިބޫގެ ބަންދަށް ނުވަ ދުވަސް ޖެހިއިރު އެރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 141 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފުލުހުން ވަނީ މިހާރު ދޫކޮށްލާފައެވެ.