Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ޕީޕީއެމްގެ ޖަގަހައަށް ގެއްލުންދިން މީހުންނަށް ފިޔަވަޅު އަޅާ

ޕީޕީއެމް އިން މާލޭގައި ޖަލްސާތައް ބޭއްވުމަށް ބޭނުންކުރާ "ރުމާލު-2" ޖަގަހަ އަށް ރޭ ބަޔަކު ދިން ހަމަލާ ކުށްވެރިކޮށް އެކަން ކުރި ބަޔަކު ހޯދައި ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

މިއަދު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެމްޕޭން ޙަރަކާތްތައް ހިންގަމުން އަންނަ ރުމާލު 2 ޖަގަހައިގެ ސްޓޭޖުގައި ރޭ ދަންވަރު އަލިފާން ރޯކޮށް އެތަނުގެ ތަކެއްޗަށް ގެއްލުންދީފައިވާތީވެ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް، ވީހާވެސް އަވަހަށް ތަޙްޤީޤްކޮށް އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލާ ކަމަށެވެ.

ސިޔާސީ ޙަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ޙަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ޙަމަލާއެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

"ސިޔާސީ ޙަރަކާތްތައް ހިންގާ ތަންތަނަށާއި އޮފީސްތަކަށް، ވަކިން ޙާއްސަކޮށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށާއި ހަރުގެތަކަށް ޙަމަލާދީ ބޮޑެތި ގެއްލުން ދިނުން މިހާރު އާންމުވަމުން އަންނަކަން ފާހަގަކުރަމުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މާލެއާއި އަތޮޅުތަކުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެތަކަށާއި ޖަގަހަތަކަށް ބޮޑެތި ގެއްލުންދީފައިވާކަން ވެސް ފާހަގަ ކުރާ ކަމަށެވެ.

އަދި އެމްޑީޕީން އިސްނަގައިގެން ހިންގާ ޙާރަކާތްތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާއިރު ޕަޓީގެ މުދަލާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކުއްޔަށް ހިފާ މުދަލަށްވެސް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންދިނުމާއި، ހަރުގެތައް ރޫޅާލުމާއި، އެމްޑީޕީގެ ދިދަތައް ނެގުން ފަދަ ކަންކަން ފުލުހުންގެ ކިބައިން ތަކުރާރުކޮށް ފެންނަމުން އަންނަކަން ވެސް އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

"ރައްޔިތުން ސާބިތުވެ، އިސްލާޙީ މަސައްކަތުގައި ދެމި ތިއްބަވާށެވެ. ޓެރަރިޒަމް ގެ ދަޢުވާކޮށް ބަންދުކުރެވުނު ފަރާތްތަކުގެ އަޒުމަކަށް އަދި ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. ދިވެހިރައްޔިތުންގެ ޢުއްމީދުތަކާ އެއްގޮތަށް، މި އަނިޔާވެރިކަމުން ދާއިމީ ޙައްލެއް ލިބިގެންދާނޭ ދުވަސް މާތްﷲ ގެ އިރާދަފުޅާއެކު ކައިރިވެއްޖެ ކަމުގެ އުފާވެރި ޚަބަރު ދިވެހިރައްޔިތުންނަށް ދެމެވެ. ދިވެހިރާއްޖެ އަނިޔާވެރިކަމުގައި، އަދި ދިމުޤުރާޠީ ހަމަތަކާ ދުރުގައި ބޭއްވުމަށް ކުރަމުން އެ ގެންދާ އެއްވެސް މަސައްކަތަކީ ކާމިޔާބުވާނޭ މަސައްކަތެއް ނޫންކަމުގެ ޔަޤީކަންވެސް ގުޅިފައިވާ ޕާޓީތަކުން ދިވެހިރައްޔިތުންނަށް އަރުވަމެވެ."، އެ ބަޔާނުގައި ވެއެވެ.