ދެ އަހަރު ދުވަހަށް ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު ތަޖުރިބާކާރު މިޑްފީލްޑަރު، މުހައްމަދު އާރިފް(ބަކާ) އަށް އަލުން ގައުމީ ސްކޮޑުން ޖާގައެއް ދީފި އެވެ.
އެންމެ ފަހަކަށް 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ގައުމީ ޖާޒީގައި ބަކާ ފެނިފައިވާއިރު އޭރުގެ ގައުމީ ކޯޗު ހާބަޓް ވަނީ އެފަހުން ބަކާ ޓީމުން ބާކީކޮށްލާފައެވެ. އަދި އޭގެ ފަހުން ގައުމީ ޓީމާއި ހަވާލުވި ސްޓްވާޓްގެ ޓީމުންވެސް ބަކާއަށް ޖާގައެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް މިހާރުގެ ކޯޗު ޕީޓާ ޝެގަޓް ވަނީ ބަކާއާއި ޓީސީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް، ނާއިޒް ހަސަންއަށް ގައުމީ ސްކޮޑުން ޖާގަ ދޭނެ ކަމަށް ބުނެފައެވެ.
ސިންގަޕޫރާއި ދެކޮޅަށް ދިވެހި ގައުމީ ޓީމުން ކުޅުނު މެޗުގައި ބަކާއާއި ނާއިޒްއަށް ފުރުސަތު ދީފައިނުވި ނަމަވެސް ބޫޓާން މެޗުން ދެކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެއެވެ. ދެކުޅުންތެރިންވެސް ވަނީ މިހާރު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.