މިއަހަރު ރާއްޖޭގައި ބާއްވާ އިންތިހާބުގައި ވޯޓު އޮޅުވާލައިފި ނަމަ ތަންތަނުގައި ރޯ ކުރުމަށް އެމްޑީޕީން ނިކުންނާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރޭ އެމްޑީޕީން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ބޭއްވި "ދޭތިން ފަހެތި" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ފެބްރުއަރީ 8 ގައި ރާއްޖޭގެ އެކިތަންތަނުގައި ރޯކުރީ އެމްޑީޕީން ނޫންކަމަށާއި ނަމަވެސް އިންތިހާބުގައި ވޯޓު އޮޅުވާލައިފި ނަމަ ރޯކުރަން ނިކުންނާނެ ކަމަށެވެ.
ނަމަވެސް މަންޒަރު ފެންނަނީ އެހެންގޮތަކަށް ކަމަށާއި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް ފުރަތަމަ ބުރުން އިންތިހާބް ކާމިޔާބު ކުރާނެ ކަމަށެވެ. އެހެންވެ ކޮންމެހެން ރޯކުރަން ނިކުންނަން ނުޖެހޭނެ ކަމަށެވެ.
ފެބްރުއަރީ 8 ގައި އައްޑޫގެ ތަންތަނުގައި ރޯކޮށް އަންދާލި ހާދިސާ އަށް އިޝާރާތްކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ ފުލުހުން ހިންގި އަމަލެއް ކަމަށެވެ. އަދި ފެބްރުއަރީ 8 އައީ ފެބްރުއަރީ 7 އާ ވިދިގެން ކަމަށެވެ. އަދި އެއީ "ޓްވިންސް" ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ އޭނާ ވިދާޅުވީ ފެބްރުއަރީ 8 ގައި ރޯކޮށްލި ތުހުމަތުގައި އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ޑަޒަނުން ދައުވާ ކުރަނީ އިންސާފުން ނޫން ކަމަށެވެ.
ފެބްރުއަރީ 8 ގައި ރޯކުރީ ފުލުހުން ކަމަށް ތުހުމަތުކުރައްވާ އަލީ ވަހީދު ވިދާޅުވީ ފެބްރުއަރީ 7 ގައި "ބަޣާވާތް" ކުރި މީހުންގެ މައްޗަށް ދައުވާ ނުކޮށް ފެބްރުއަރީ 8 ގެ ހާދިސާތަކުގެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވިގެން ނުވާނެ ކަމަށެވެ.
އަދި ފެބްރުއަރީ 8 ގައި ހިނގި ކަންތައްތަކާ ގުޅިގެން އުފުލާފައިވާ ދައުވާތައް އަނބުރާ ނެންގެވުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި އުއްތަމަ ފަނޑިޔާރަށް އަލީ ވަހީދު ގޮވާލެއްވި އެވެ.
ވާރޭ ވެހުމުގެ ސަބަބުން ގިނަ ބަޔަކު ތެމިގެން ތިބި މި ޖަލްސާ އަށް އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ވަނީ ޖަމާވެފަ އެވެ. އެގޮތުން ގުޅިފައިވާ ރަށްތަކުން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވަނީ ޖަލްސާ އަށް ގޮސްފަ އެވެ.