Last Updated: June 12, 11:16
Friday, June 12, 2026
ރިޕޯޓް

ސަރުކާރާއި އިދިކޮޅު އެއް ތަނަކަށް؛ ޔޫއެން އަށް މިކަން ވާނެބާ؟

އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުންނާއި އދ. ގެ ވަފުދު ބައްދަލުކުރައްވަނީ-

ދިވެހި ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހަށް ކުޑަ ނަމަވެސް ފިނި ކަމެއް ގެނައުމަށް އދ. އިން އަނެއްކާވެސް އިތުރު ފިޔަވަޅެއް އަޅައި، ޚާއްސަ ވަފުދެއް ވަނީ ރާއްޖެ ފޮނުވައިފަ އެވެ.

އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމެއް ރާއްޖެ އައިސް ހަރަކާތްތެރިވަމުން އަންނަ އިރު އެބޭފުޅުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ކޯލިޝަނާއި އިދިކޮޅު އިއްތިހާދު އެއް މޭޒަކަށް ގެނެސްގެން މަޝްވަރާތައް ފެށުމަށެވެ.

މިއީ މީގެ ކުރިންވެސް ސަރުކާރުން މަޝްވަރާއަށް ގޮވާލުމުން އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވި ޝަރުތެކެވެ. އިދިކޮޅުން ބުނެފައިވަނީ ސަރުކާރުގެ ކަންތައް ގޮސްފައިވާ ހިސާބުން، މެދުވެރިޔެއްގެ ގޮތުގައި މިނިވަން ފަރާތަކުން މަސައްކަތް ކުރުމުން ނޫނީ މަޝްވަރާތައް ނުފަށާނެ ކަމަށެވެ. އަދި އޭރުވެސް އިދިކޮޅުން ބޭނުންވީ މެދުވެރިޔެއްގެ ރޯލަށް އދ. އައުމެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން އދ. އަށް މިމަސްއޫލިއްޔަތު އަދާ ކޮށްދެއްވުމަށް އެދި ސިޓީއެއް ވެސް ފޮނުވިއެވެ. އދ. އިން އިދިކޮޅު ފަރާތްތަކުގެ ހުށައެޅުން ގަބޫލުކުރެއްވި ނަމަވެސް އޭރު ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އެތެރޭގެ މައްސަލަތަކަށް ވަނުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އަދި އދ. އިން ވަނީ ދިވެހި ސަރުކާރުން އދ. ގެ ހުށައެޅުން ގަބޫލުކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އދ. އިން މަޝްވަރާތަކުގައި މެދުވެރިޔެއްގެ ރޯލަށް އައުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރުވެސް ދޭނެ ކަމަށެވެ.

މިހާރު ރާއްޖެ ވަޑައިގެންފައިވާ އދ. ގެ ލީގަލް އެފެއާޒްގެ ޓީމުން އިދިކޮޅު ފަރާތްތަކާއި ވަކިން ބައްދަލު ކުރައްވާފައި ވާއިރު އެބޭފުޅުން ވަނީ ސަރުކާރުގެ މަންދޫބުންނާއި ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަދި ކުރީގެ ރައީސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބަންދުކޮށްފައިވާ ކަން އދ. ގެ ވަފުދާއި ހިއްސާކޮށްފައެވެ.

ސަރުކާރުގެ މަންދޫބުންނާއި ބައްދަލުކުރުމަށް ފަހު، އިދިކޮޅާއި އެއް މޭޒެއްގައި މަޝްވަރާ ކުރުމަށް ހުށައަޅާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ކުރިންވެސް އެބޭފުޅުންގެ ލީޑަރުން ނުހައްގުން ބަންދުކޮށްފައިވާ ކަމަށް ބުނެ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ އެންމެން މިނިވަން ނުކުރަނީސް މަޝްވަރާ ނުކުރާނެ ކަމަށް ބުނެފައެވެ. އަދި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ކުރި ހުކުމް ތަންފީޒު ކުރުމަށްވެސް ޝަރުތު ކޮށްފައިވެއެވެ.

ސަރުކާރުން ވަނީ މަޝްވަރާއަށް އަންނަން ޖެހޭނީ އެއްވެސް ޝަރުތެއް ކުރިމަތި ނުކޮށް ކަމަށް މީގެ ކުރިންވެސް ބުނެފައެވެ. އެހެންކަމުން މިފަހަރު އދ. އިން ދެ ފަރާތް އެއް މޭޒަކަށް ގެނައުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ވާނެތޯ ބެލުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.