ދިވެހި ރާއްޖޭގެ ހައި ކޯޓާއި ދަށު ކޯޓު ތަކުގެ ފަނޑިޔާރުން ޗުއްޓީއަށް ދާން ސުޕްރީމް ކޯޓުން ހުއްދަ ހޯދަން ޖެހޭ އުސޫލު އުވާލައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަގާމާ ހަވާލުވުމަށްފަހު 2016 ވަނަ އަހަރު އެކުލަވާލި މި އުސޫލުގެ ދަށުން އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު ޗުއްޓީއަށް ދާން އެދޭނަމަ، ސުޕްރީމް ކޯޓަށް އެކަން ފުރަތަމަ ހުށައަޅަން ޖެހޭނެއެވެ.
އަދި އެ ފަނޑިޔާރެއްގެ ހުށައެޅުން ސުޕްރީމް ކޯޓުން ބެލުމަށްފަހު، ހުއްދަ ދިނުމުން ނޫނީ ފަނޑިޔާރުންނަށް ޗުއްޓީ އަށް ދިއުމުގެ އިޚްތިޔާރެއް ލިބިގެނެއް ނުވެއެވެ.
ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ އުސޫލު ބާތިލުކޮށް، އާންމު ސިޓީއެއް ނެރެފައެވެ. އަދި މީގެ ފަހުން ޗުއްޓީއަށް ދިއުމުގެ ކުރިން ސުޕްރީމް ކޯޓުން ހުއްދަ ހޯދަން ޖެހޭނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުގެ އިސް ގާޒީން ނުވަތަ ދަށު ކޯޓުތައް ހިންގެވުމާ ހަވާލުވެގެން ތިއްބަވާ ގާޒީންނާއި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނެވެ.
އެހެން ފަނޑިޔާރުންގެ ޗުއްޓީ ހައިޖައްސައިދޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ މެޖިސްޓްރޭޓަކު ހުންނަވާ ކޯޓުތަކުގައި އެ މެޖިސްޓްރޭޓުގެ ޗުއްޓީ ހަމަޖައްސައިދޭނީ އެ ކޯޓު ނިސްބަތްވާ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.