Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ސައުދީގެ ރަސްގެފާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

ރައީސް ޔާމީން އާއި ސައުދީ ރަސްގެފާން

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް، ހޫތީން ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުށެއްނެތް އާއްމު ރައްޔިތުންނާއި، މުހިއްމު ބިނާތަކަށް އަމާޒުކޮށް ދިން މިޙަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޓެރަރިޒަމްގެ މިފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ސަޢޫދީ އަރަބިއްޔާގެ ސަރުކާރާއި، ބައިނަލްއަޤުވާމީ ފަރާތްތަކުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަޢޫދީ ސަރުކާރަށާއި، ރައްޔިތުންނަށް ޙަމްދަރުދީ ފާޅުކުރައްވާ، ދުނިޔޭގައި ޞުލްޙަމަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.