ބަންގްލަދޭޝްގެ 47 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލްޙާމިދަށާއި، ބޮޑުވަޒީރު ޝެއިޚް ޙަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތުން، ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ދެޤައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައި ވާ ޒަމާންވީ އިޤްތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ގުޅުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް އެކުވެރި ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރިޗު 1971 އެވެ.