Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ވަކީލުންގެ ޖަމިއްޔާ ރަޖިސްޓްރީ އަވަސްކޮށް ދޭން އެދިއްޖެ

ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު - ފޮޓޯ: ވީނިއުސް

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމަށްޓަކައި ޖަމިއްޔާއެއް ރަޖިސްޓްރީކުރުމަށް ހުށަހެޅިތާ ފަސް މަސް ދުވަސްވީއިރުވެސް، އެޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފައި ނުވާ ކަމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސއުޫދު ވިދާޅުވެފައި ވަނީ މިޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަމަށެވެ.

އަދި މިޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނުމަށް ހޯމް މިނިސްޓްރީއާއި ބަންޑާރަނައިބްގެ އޮފީހުން ދެކޮޅު ހަދަމުންދާ ކަމަށާއި އެހެންނަމަވެސް ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިނުން އަވަސް ކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

"ދަ ލޯ ކައުންސިލް އޮފް މޯލްޑިވްސް"ގެ ނަމުގައި މިޖަމިއްޔާ ރަޖިސްޓްރީ ކުރަން ހުށަހެޅީި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މަސްއޫލުވެރިކަމުގަ އެވެ.

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމަށް 2014 ވަނަ އަހަރުގެ ތެރޭގައި ބާ އެސޯސިއޭޝަނެއްވެސް ރަޖިސްޓްރީކޮށް ހިންގާފައިވެ އެވެ. އެހެންނަމަވެސް ބާ އެސޯސިއޭޝަނާ ގުޅޭ ޤާނޫނެއް ނެތި އެ އެސޯސިއޭޝަން ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ހޯމް މިނިސްޓްރީން ފަހުން ވަނީ އެ އެސޯސިއޭޝަން އުވާލާފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ރެގިއުލޭޓް ކޮށް މޮނީޓާކުރަނީ މިނިވަން ބާ އެސޯސިއޭޝަނަކުންކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ރާއްޖޭގައި މިފަަދަ އެސޯސިއޭޝަނެއް ނެތުމުން ވަކީލުންނާ ގުޅޭ ކަންކަން ކުރަނީ ދައުލަތުން އެކި މުއައްސަސާތަކުންނެވެ.

ދައުލަތުގެ މުއައްސަސާތަކުން ވަކީލުންގެ ކަންކަން ބަލަހައްޓާތީ ވަކީލުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.