ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމުން ވެސް ފުލުހުންގެ ބަންދުގައި ތިބި މީހުންނާ ބައްދަލުކުރަން ވަކީލުންނަށް އަދިވެސް ދެނީ 30 މިނެޓު ކަމަށް ޤާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ހިސާން މިހެން ވިދާޅުވެފައި ވަނީ ބަންދުގައި ތިބި މީހުންނާއި ބައްދަލުކުރަން އެންމެ 30 މިނެޓު ދޭތީވެ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Dear @PoliceMv ,the 30 mins limitation on lawyer visits was suppose to be for the duration of the SoE as per your announcement. FYI SoE has been lifted, yet this announcement continues to be in effect. pic.twitter.com/DyY7m5nF7N
— Hisaan 🎈؟ (@hisaanhussain) March 25, 2018
ފުލުހުންނަށް އަމާޒުކޮށް ކުރެއްވި އެ ޓްވީޓްގައި ހިސާން ވިދާޅުވީ މުވައްކިލުންގެ ބައްދަލުވުން 30 މިނެޓަށް ލިމިޓްކުރީ ހަމައެކަނި ކުއްލި ނުރައްކަލުގެ ޙާލަތު އުވެންދެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ނިމިފައިވީނަމަވެސް، އަދިވެސް ފުލުހުން ޢަމަލު ކުރަމުން ދަނީ އެ އުސޫލަށް ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
މީގެ ކުރިން ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވައި ނެރުނު އެންގުމެއްގައި ބުނީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގައި އާ ގޮތްތަކެއް ހަމަޖެއްސީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރު ވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.
އަދި ބަންދުގައި ހުރި މީހާއަށް ވަކީލަކު އައްޔަން ކޮށްދެވޭނީ އޭނާ އެކަމަށް އެދުމުން އޭނާ އެދޭ ވަކީލެއް ނުވަތަ އޭނާގެ އިމީޑިއެޓް ފެމިލީގެ މެންބަރަކު އެކަމަށް އެދުމުން އެފަރާތުން އެދޭ ވަކީލެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އާއިލާގެ ފަރާތުން އަންނަ ވަކީލު އައްޔަން ކުރެވޭނީ އާއިލާއިން އައްޔަން ކުރަން ބޭނުންވާ ވަކީލެއްގެ ނަން ބަޔާންކޮށް ވަކީލު އައްޔަންކޮށްދިނުމަށް އެދި ލިޔެފައިވާ ސިޓީއަކާއި، ސިޓީ ދިން ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހިފައިގެން އައުމުން ކަމަށް އެންގުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ގައިދީންނާ ބައްދަލު ކުރުމަށް ވަކީލުންނަށް ދީފައި އޮންނަ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގައިދީންނާ ބައްދަލުކުރުމަށް ވަކީލުންނަށް ދީފައިވަނީ ބައި ގަޑިއިރުގެ ވަގުތެވެ.
އެގޮތުން ބައްދަލުވުން އޮތީ މާލޭން ބޭރުގައި ނަމަ، ބައްދަލުވުން އޮންނަ ތަނަށް ދިއުމަށް ހަމަޖައްސައިދެވޭނީ އެއް ގަޑިއިރު ކަމަށާއި ނަމަވެސް ބައްދަުވުމުގެ ދިގުމިނަކީ ބައްދަލުވުން ފެށޭ ވަގުތުން ފެށިގެން 30 މިނެޓު ކަމަށް ފުލުހުން ބުނެއެވެ. އަދި ލަހުން ބައްދަލު ކުރެވުނު ނަމަވެސް ވަގުތު ލިބޭނީ އެ 30 މިނިޓުން ބާކީވާ ވަގުތު ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ހަމަ އެހެންމެ ބައްދަލުވުން ނިންމުމަށް ފަހު، ވަކީލުން ޖަލުގައި ތިބޭ އެހެން މީހުން ކައިރިއަށް ގޮސް ވާހަކަ ދެއްކުން ވެސް މި އުސޫލުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލުކުރުމަށް ދީފައި އޮތް ފުރުސަތު ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.
ފުލުހުން ގެނައި މި އާ ބަދަލާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ މީހުން ބުނާގޮތުގައި މިއީ ވަކީލުންނަށް އުނދަގޫ ކުރުމަށް ފުލުހުން އެޅި ފިޔަވަޅެކެވެ.
ފުލުހުން ވަނީ އެ އުސޫލާ ޚިލާފުވާނަމަ، ބައްދަލުވުން ކެންސަލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމުގެ އިންޒާރުވެސް ދީފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ދެ ފަހަރެއްގެ މަތިން ވަކީލުންނާ ބައްދަލުކުރެވޭ އުސޫލު ބަދަލުކުރި އެވެ. އޭރު ވެސް ވަކީލުން ގެންދެވީ އެގޮތަށް އުސޫލަށް ބަދަލު ނުގެނެވޭނެ ކަމަށް ވިދާޅުވަމުންނެވެ.