Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ

އިބްތިހާލް އޭނާގެ މަންމަ އާފިޔާ އާއެކު - ފޮޓޯ: މިހާރު

ބޮޑެތި އަނިޔާތަކެއްގައި މަރުވި ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފި އެވެ.

އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 13:00 އަށެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފަ އެވެ. އާފިޔާގެ މައްޗަށް ކުރާ އެ ދައުވާއަށް އާފިޔާ ވަނީ ތަހުގީގާއި ބަންދު މުއްދަތު މަޖިލީހުގެ އިތުރުން ޝަރީއަތުގައި ވެސް އެއްބަސްވެފަ އެވެ. މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

އެ އަޑުއެހުމުގައި ކޯޓުން ވަނީ އާފިޔާގެ ނަފްސާނީ ޓެސްޓް ހެދި ޑޮކްޓަރު ކަމަށް ޑރ. އައިޝަތު އަލީ ނާޒްގެ ހެކިބަސް ނަގައިފަ އެވެ. އޭނާ ބުނީ އާފިޔާގެ ކިބައިގައި ރުޅިވެރި ވިސްނުން ވަރަށް ބޮޑު ކަމަށާއި އޭނާ އިބްތިހާލަށް އަނިޔާކުރީ އަމިއްލަ އިޚްތިޔާރުގައި ހުރެގެން ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އިބްތިހާލް ބެއްލެވި ޑޮކްޓަރުންގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.

އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، އިބްތިހާލަށް އަނިޔާ ލިބެމުންދާކަން އެނގި ތިބެ، އެކަމުގައި އިހުމާލުވި ކަމަށް ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އިހުމާލުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އޭގެ ތެރޭގައި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ. އެ މީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.