Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކުލީ ފްލެޓެއް ހުސްކުރަން އަންގައިފި

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް - ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން މިދިޔަ އަހަރު ހުޅުމާލެއިން ދޫކުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާތީ އެ ފްލެޓްގެ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ކޮންމެ ފަހަރަކުވެސް ސަރުކާރުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓްތައް ކުއްޔަށް ދޭއިރު، އެންމެ ފަހުން ދޫކުރި 661 ފްލެޓްގެ ތެރެއިން ވެސް ގިނަ ފްލެޓްތަކެއް ކުއްޔަށް ދިން ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.

ފްލެޓް ލިބުނު ފަރާތް، ދިރިނޫޅެ ކުއްޔަށް ދޭ ނަމަ އެ ފްލެޓްތައް އަތުލާނެ ކަމަށް މީގެ ކުރިން ވެސް ހައުސިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މި މަހު 10 ވަނަ ދުވަހުން ފެށިގެން ފްލެޓްތައް ސާވޭ ކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ވަނީ އޭގެން ފްލެޓެއްގައި ފްލެޓް ލިބުނު މީހާ އާއި އޭނާގެ އާއިލާ ދިރިނޫޅޭތީ އެ ފްލެޓް ހުސްކުރުމަށް އަންގާފަ އެވެ.

އެހެންނަމަވެސް، ހުސްކުރަން އަންގާފައިވަނީ ކޮން ފްލެޓެއްކަމެއް ނޭނގެއެވެ. މައުލޫމާތު ލިބޭގޮތުގައި ފްލެޓް ހުސްކުރަން 30 ދުވަހުގެ މުއްދަތެއް ހައުސިން މިނިސްޓްރީ އިން ވަނީ ދީފައެވެ.

އެނގިފައިވާ ގޮތުގައި މިއީ އެފަދަ މައްސަލައެއްގައި ފްލެޓް ހުސްކުރަން އެންގި ފުރަތަމަ ފަހަރެވެ.