Last Updated: June 27, 18:56
Friday, June 27, 2025
ޚަބަރު

"އެކަނި ވިޔަސް އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން"

ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބަންދުކޮށްފައި ހުރިތާ 50 ވަނަ ދުވަހު އެމަނިކުފާނު ދިވެހި ހުރިހާ ރައްޔިތުންނަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މައުމޫން ހުންނެވީ ނުގުޑާފަދަ ވަރުގަދަ ހިތްވަރެއްގައި ކަމަށެވެ.

އަދި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްވި މެސެޖަކީ އެހެން އެކަކު ނެތަސް އިސްލާހީ މަސައްކަތުގައި ގިނިކަންޏާ ހުންނަވަން ޖެހުނަސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ދޮރު ހަލާކު ކޮށްލުމަށް ފަހު ވަދެގަނެގެންނެވެ.

އަދި ފުރަތަމަ މައުމޫނާ ދެކޮޅަށް ރިޝްވަތު ހުށައެޅުމާއި ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކުރިއެވެ. ނަމަވެސް ފަހުން ދައުވާކުރިއިރު މައުމޫނާ ދެކޮޅަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

އަދި ހައްޔަރު ކުރުމަށް ފަހުގައިވެސް މައުމޫނާއި އެއްވެސް ސުވާލެއް ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓިއެވެ.

މީގެ އިތުރުން ބަންދުގެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެނައުމަށް ފަހު ހަ ގަޑިއިރު ކޯޓުގައި ގިނިކަންޏާ ބޭންދުމަށް ފަހު ވަނީ އެދުވަހު ޝަރީއަތް ކެންސަލް ވި ކަން އަންގާފައެވެ. މައުމޫންގެ ވަކީލުން ވަނީ މިފަދަ ކަންކަމަކީ އެމަނިކުފާނަށް ދޭ އަނިޔާއެއް ކަމުގައި ސިފަކޮށްފައެވެ.