ނިމިގެން ދިޔަ ފެބްރުއަރީ މަހު ދައުލަތަށް 257 މިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
ކޮންމެ މަހަކު ކަސްޓަމްސް އިން އާންމުކުރަމުން އަންނަ ތަފާސް ހިސާބުތަކުގައި ފާއިތުވެގެންދާ މަހުގައި ލިބުނު އާމްދަނީ ހާމަކުރެއެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު 257 މިލިއަން ރުފިޔާ އިމްޕޯޓް ކުރި މުދަލުން ދައުލަތަށް ލިބިފައިވި ނަމަވެސް މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 323 މިލިއަން ރުފިޔާއެވެ. ކަސްޓަމްސް އިން ލަފާ ކުރާ ގޮތުގައި މިއަހަރު އިމްޕޯޓް ޑިއުޓީ ދަށްވެފައި މިވަނީ މިދިޔަ އަހަރުގެ މާޗު މަހު ސިނގިރޭޓުގެ އަގު ބޮޑު ކުރުމާ ގުޅިގެންނެވެ.
އެގޮތުން ބޮންޑެޑް ވެއާހައުސްތަކުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަނީ އެމަސް ތެރޭގައި ކްލިއާ ކޮށްފައި ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
އަދި މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރުވެސް ވަނީ ދަށް ވެފައެވެ. މިއަހަރު ފެބްރުއަރީ މަހު 240 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު ކަސްޓަމުން ބުނަނީ މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 20 ޕަސެންޓު ދަށް އަދަދެކެވެ.