Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެއްބަސްވުމާ ޚިލާފުވި މީހުންގެ ފުލެޓްތައް އަތުލަނީ

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް - ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފެލްޓުތައް ލިބުނު ފަރާތްތަކުން އެއްބަސްވުމާއި ޚިލާފަށް އަމަލުކުރަމުން ދާތީ އެފަރާތްތަކުގެ އަތުން ފްލެޓުތައް އަތުލަން ސަރުކާރުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބުނު ފަރާތްތަކާއި ދެމެދު ހެދުނު އެއްބަސްވުމާއި ޚިލާފަށް، ފެލްޓްތައް ކުއްޔަށް ދޫކުރި ފަރާތްތަކަށް ފްލެޓު އަތުލާނެ ކަމުގެ ނޯޓިސް ފޮނުވާފައެވެ. ވަކި މުއްދަތެއްގެ ތެރޭގައި ފްލެޓު އަތުލާނެ ކަމުގެ ނޯޓީސް ވަނީ އެފަރާތްތަކަށް ފޮނުވާފައެވެ.

ފަނަރަ ހާހާއި ގާތް ކުރާ އަދަދަކަށް މީހުން މިފްލެޓުތަކަށް ކުރިމަތިލި ނަމަވެސް ފްލެޓު ދޫކޮށްފައިވަނީ އެންމެ 661 ފަރާތަކަށެވެ. ހައުސިން މިނިސްޓަރު މުއިއްޒު ވަނީ މީގެ ކުރިންވެސް އެއްބަސްވުމާއި ޚިލާފުވާ ފަރާތްތަކުގެ އަތުން ފްލެޓު އަތުލާނެ ކަމުގެ އިންޒާރު ދީފައެވެ.

ފްލެޓުތަކަށް ހޮވުނު ފަރާތްތަކަށް ފްލެޓު ދޫކުރީ ޑައުން ޕޭމެންޓުގެ ގޮތުގައި 25،000ރ. ދެއްކުމުންނެވެ. އަދި މަހު ފީއެއްގެ ގޮތުގައި ސަރުކާރުން އެ ފަރާތްތަކުގެ އަތުން ނަގަމުން އަންނަނީ 6،000ރ. އެވެ. ޚަބަރު ލިބޭ ގޮތުގައި ވަރަށް ގިނަ ފަރާތްތަކުން ވަނީ މި ފްލެޓުތައް ކުއްޔަށް ދޫކޮށް، މަހު ކުލީގެ ގޮތުގައި ދޫކުރި ފަރާތްތަކުގެ އަތުން ބޮޑު އަދަދެއްގެ ފައިސާ ނަގާފައެވެ.

އަދި ގިނަ ބަޔަކު ވަނީ ފްލެޓުތައް ދޫކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މިހާރުވެސް މާލޭގައި ގެދޮރު ތިބި ފަރާތްތައް ކަމަށާއި ފްލެޓު ދޫކުރީ ބޭއިންސާފުން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޝަކުވާ ކޮށްފައެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ ތަކުރާރުކޮށް ފްލެޓު ދޫކުރުމުގައި ބޭއިންސާފު އިޚްތިޔާރު ކޮށްފައިނުވާނެ ކަމަށް މީޑިޔާގައި ވިދާޅުވެފައެވެ.

އަދި ފްލެޓު ލިބުނު މީހުންގެ ލިސްޓު ލީކުވެސް ވެގެން ދިޔައެވެ. ނަމަވެސް މިނިސްޓަރު މުއިއްޒު ވަނީ ލީކުވި ލިސްޓަކީ ހަގީގަތެއް ނެތް އެއްޗެއް ކަމަށް ޓުވިޓާ މެދުވެރިކޮށް ވިދާޅުވެފައެވެ.