Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

1.9 މިލިއަން ދައްކަން ނާޒިމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ނެންގެވި ލޯނަކަށް އިންޓަރެސްޓާއެކު 1.9 މިލިއަން ރުފިޔާ ދައްކަން ނާޒިމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

2012 ވަނަ އަހަރު މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ނާޒިމް ނެންގެވި 1.5 މިލިއަން ރުފިޔާގެ ލޯނަކަށް އިންޓަރެސްޓާއެކު 1.9 މިލިއަން ރުފިޔާ ދައްކަން ނާޒިމަށް ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ސިވިލް ކޯޓުން ނެރުނު ޙުކުމްގައި ވަނީ އެއްބަސްވެފައިވާ ގޮތަށް އެ ކްރެޑިޓް ފެސިލިޓީގެ ފައިސާ ދެއްކިފައިނުވުމުގެ ސަބަބުން އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކްރެޑިޓް ފެސިލިޓީގެ ޖުމުލަ 1،900،556/26 ރުފިޔާ އަރާފައިވާ ކަމަށެވެ.

އަދި އެ ކްރެޑިޓް ފެސިލިޓީއަށް، ފެސިލިޓީގެ ލެޓަރ ގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާ އަދާކޮށްދިނުމުގެ ގޮތުން މިމަހުގެ ނިޔަލަށް 400،556/26 ރުފިޔާ މޮރިޝަސް ކޮމާޝަލް ބޭންކަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ނާޒިމަށް ހުކުމްކޮށްފައެވެ.

ބާކީ ފައިސާ އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަ މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދެއް ބޭންކަށް ދައްކަމުން ގޮސް މި އަހަރުގެ ނިޔަލަށް ކްރެޑިޓް ފެސިލިޓީއަށް، ފެސިލިޓީ ލެޓަރ ގެ ދަށުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރުމަށްވެސް ނާޒިމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، އެ މައްސައިގައި ބަޔާންކޮށްފައިވާ ކްރެޑިޓް ފެސިލިޓީއާ ގުޅީގެން ކުރެވިފައިވާ ކަމަށް މޮރިޝަސް ކޮމާޝަލް ބޭންކުން ބުނާ ރަހުނު ސާބިތުކުރުމަށާއި، އެ ރަހުނުގެ މައްޗަށް އެބޭންކުން ލިބިގެންވާ ހައްގުތައް ތަސައްރުފު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމުގެ ހުއްދައަށް އެދި މައްސަލަތައް ވަކި ހުށަހެޅުމުގެ ހައްގު އެ ބޭންކަށް ލިބިގެންވާކަމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

އެހެން މައްސަލައެއްގައި ނާޒިމަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހުކުމް ތަންފީޒު ކުރައްވަމުން، ބޭސްފަރުވާއަށް، ނާޒިމް ރާއްޖެިން ބޭރަށް ވަޑައިގެންެނެވިއެވެ. އޭގެ ފަހުން ނާޒިމް ރާއްޖެ ވަޑައިގެންފައިނުވެއެވެ.