Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

"ޖިނާއީ ނިޔަތެއް އޮތަސް ބެންޗްގެ އަމުރުތައް ގޯހެއް ނުވާނެ"

ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ - ފޮޓޯ: ސަން

ފަނޑިޔާރުންގެ ޖިނާއީ ކުށެއްގެ ނިޔަތެއް އޮތުމަކީ އެ ފަނޑިޔާރުން ނެރުއްވާ އަމުރު ގޯސްވާނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ފާހަގަކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކޮށްދިނުމަށް އެދި އޭޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓަށްދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވއިރު، އެންމެ ފުރަތަމަ ވެސް ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރެއްވީ އިޖުރާއީ ނުކުތާއެކެވެ.

އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު އަމުރު ނެރުއްވީ ނާޖައިޒު ފައިދާތަކެއް ހޯދުމަށް ރިޝްވަތުގެ ފައިސާގައި ހިއްޕަވައިގެން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ވެސް އޮޅުވާލައިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައިކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެ ފާހަގަ ކުރެއްވި ނުކުތާއެކެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާތައް ކޮށްފައިވާކަން ވެސް ފާހަގަކުރި އެވެ.

ބަންޑާރަ ނައިބުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ، އެ އަމުރަކީ ޖިނާއީ ނިޔަތެއް އޮވެގެން ނެރެފައިވާ އެކެއް ފެބުރުއަރީގެ އަމުރަކީ ޤާނޫނު އަސާސީއާ މުޅިން ޚިލާފު އަމުރަކަށްވާތީ އެ އަމުރު ބާތިލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރެއްވި އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ރިޔާސަތު އިންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ އެ އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށެވެ.

އަޑުއެހުމުގެ ތެރޭގައި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ބަލައި ނުގަތް ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރަކަށް ޖިނާއީ ނިޔަތެއް އޮތް ކަމަށް ތުހުމަތުވުމަކީ އެ ހުކުމް ބާތިލުވާނެ ނުވަތަ ގޯސްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ހުކުމެއް ނުވަތަ އަމުރެއްގައި މައްސަލައެއް އުޅޭނަމަ ބާތިލުކުރަން ޖެހޭނީ އެކަމެއް ރިވިއު ކުރުމަށްފަހު ކަމަށެވެ. ފެބުރުއަރީ އެކެއްގެ އަމުރުގައިވާ ބައެއް ބައިތައް މިހާރު ވެސް ބާތިލުކޮށްފައިވަނީ އެގޮތުގެ މަތިން ކަމަށާއި އެ ބައިތައް ބާތިލުކުރީ ރިވިއުކުރުމަށްފަހު ކަމަށެވެ. އެ ބައިތައް ބާތިލުކުރީ ފަނޑިޔާރުންގެ ޖިނާއީ ނިޔަތެއް އޮވެގެން އެކަމަށް ރިޔާއަތްކޮށްގެން ނޫން ކަމަށެވެ.