ހދ. ނޮޅިވަރަންފަރުގެ ރުކެއްގައި ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ދިދައެއް ނަގާފައި ހުރުމުން އެރުއް ކަނޑާލައިފި އެވެ.
ނޮޅިވަރަންފަރު ކައުންސިލާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓް ކުރާ ގޮތުގައި ރޭ ދަންވަރު އެރަށުގެ ބަދަރުމަތީގައި ހުރި ރުކެއް ކަނޑާލާފައިވާ ކަމަށާއި، އެހެންނަމަވެސް އެރުއް ކަނޑާލީ އެމްޑީޕީގެ ދިދައެއް ނަގާފައި ހުރުމުން ކަމަށް ބުނަން ނޭނގޭ ކަމަށެވެ.
މިމައްސަަލަ އެއްވެސް ފަރާތަކުން އަދި ކައުންސިލަށް ހުށައަޅާފައި ނުވާ ކަމުގައިވެސް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ރުއް ކަނޑާލާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެރުކުގައި އެމްޑީޕީގެ ދިދައެއް ނަގާފައި ހުރުމުން އެދިދަ ބޭލުމަށް ފުލުހުން މަސައްކަތް ކުރިކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން އެރުކަށް މީހުން އެރިޔަ ނުދޭން ވެގެން ރުކުގެ މެދަކާއި ހިސާބުގައި ހުރީ ގިރިސް އުނގުޅާފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލާފައި ވަނީ އެދިދަ ނުބޭލިގެން ކަމަށް ބުނެ ބައެއް މީހުން ފުލުހުންނަށް ފާޑުކިޔަމުންދާއިރު، ރާއްޖޭގެ ރަށްރަށުގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ދަނީ ނަގަމުންކަން ފާހަގަކޮށްލެވެ އެވެ.
ދިދަތައް ނަގަމުން ދަނީ ހޯމް މިނިސްޓްރީ އިން އަލަށް އެކުލަވާލައި އަމަލު ކުރަންފެށި "ދިވެހި ދިދަ ބޭނުން ކުރުމުގެ ޤަވާއިދު"ގައި ދިވެހި ޤައުމީ ދިދައަށް ވުރެ އުހުގައި އެހެން ދިދައެއް ނަގާފައި ނުބެހެއްޓޭނެ ކަމަށް ބުނެފައިވާތީ އެކަން ސަބަބަކަށް ހަދައިގެންނެވެ.