Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ހައްޔަރު ކުރި 36 މީހެއްގެ މައްސަލަ އެންއައިސީއަށް

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި ނާއިބު ރައީސް މުހައްމަދު ޝިފާޒު އަދި ޖެނެރަލް ސެކްރެޓަރީ އަނަސް އަބްދުއްސައްތާރު އެންއައިސީ އަށް ވަޑައިގެން - ފޮޓޯ: ރާއްޖެއެމްވީ

ނިމިގެންދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތުގެ 45 ދުވަހުގެ ތެރޭގައި ފުލުހުން ހައްޔަރު ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 36 މީހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.

މިއަދު އިދިކޮޅު އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާތަކުގައާއި އެނޫންވެސް ގޮތްގޮތަށް ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ފުލުހުން ރާއްޖޭގެ އެކިއެކި ރަށްރަށުން މީހުން ހައްޔަރުކުރުމާއެކު ހައްޔަރީންނަށް އެހީތެރިވުމަށް އުފައްދާފައިވާ އެމްޑީޕީގެ ޚާއްސަ ކޮމިޓީން އެކަން ވަގުތުން ބަލަން ފަށާ ކަމަށާއި، ޤާނޫނީ ވަކީލުން އައްޔަންކުރުމާއި، އަނިޔާ ލިބޭ މީހުންނަށް އެހީތެރިވުމަށް އަވަސް ފަރުވާ ދިނުމާއި، ހޮސްޕިޓަލަށް ގެންގޮސްދިނުމާއި، ޢައިލާއަށް އެންގުން ފަދަ ކަންކަން ކުރުމަށް އެ ކޮމިޓީން އެހީތެރިވާ ކަމަށެވެ.

އަދި މީގެ އިތުރުން ބަންދުގައި ބަހައްޓާފައިވާ އިރު އެ ފަރާތްތަކުގެ ޢާއިލާއަށް އެހީތެރިވުމާއި ޤަވާއިދުން ވަކީލުންގެ ބައްދަލުވުން އިންތިޒާމްކުރުމާއި، ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ވެސް އެ ކޮމިޓީން ހަމަޖައްސައިދޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ހައްޔަރުކުރާ ވަގުތާއި ބަންދުގައި ބަހައްޓާަފައިވާ ދުވަސްވަރު ފުލުހުންގެ ކިބައިން ފެންނަ ޤާނޫނާ ޚިލާފް ޢަމަލުތަކުގެ މަޢުލޫމާތު އެފަރާތްތަކުން އަންނަނީ އެމްޑީޕީއާ ހިއްސާ ކުރަމުންނެވެ. ނޭޝަަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ މަޢުލޫމާތުތަކަކީ ފާއިތުވީ ދުވަސްތަކުގެ ތެރޭގައި މީހުން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކެވެ. މި ކަންކަން ބެލުމަށް މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ވަނީ ޙާއްސަ ބައްދަލުވުމެއް ބާއްވައި ހައްޔަރުކުރި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރު މިއަންނަނީ ފުރިހަމަކުރަމުންނެވެ."، އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، ކޯޓު އަމުރު ނެތި ސިޔާސީ ޕާޓީތަކުގެ ހަރުގެތަކަށާއި، އޮފީސްތަކަށް ފުލުހުން ވަނުމާއި، އަނިޔާކުރުން ބަލައި އެފަދަ ކަންކަން ކުރާ ވަކިވަކި ފުުލުހުން ފާހަގަކޮށް އެ މައްސަލަތައް ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ މުވައްސަސާތަކަށް ހުށަހަޅަމުންދާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީ އިން ބުނީ ބަންދުކޮށްފައިވާ ފަރާތްތަކާމެދު ފުލުހުން ޢަމަލުކުރާ ގޮތާމެދު މީގެ ކުރިންވެސް އެ ޕާޓީންނާއި އެފަރާތްތަކުގެ އާއިލާތަކުން މިފަދަ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ވަކިވަކި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނަސް ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ޖަލުގެ ހާލަތު އިސްލާހު ކުރުމަށް ގޮވާލާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެ ޝަކުވާތައް ދައުލަތުގެ އިދާރާތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

އަދި ހައްޔަރު ކުރެވޭ ފަރާތްތަކުންނާއި ޢާއިލާއިން އެފަދަ މަޢުލޫމާތު މި ޕާޓީއާ ހިއްސާ ކުރެއްވުމަށްވެސް އެމްޑީޕީން ވަނީ އެދިފައެވެ.